ޚަބަރު

ފުވައްމުލަކުގެ ފެނާ ނަރުދަމާގެ ސާރވޭ މަސައްކަތް ނިމިއްޖެ


ފުވައްމުލަކުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާ ނަރުދަމާގެ ސާރވޭ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއިން ހާމަކޮށްފިއެވެ.އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ސާރވޭ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ސާރވޭ ޑޭޓާ އެނަލައިސް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ރަށުގެ ފެނުގެ ޑިމާންޑް ދިރާސާ ކުރުމާއި، މަޝްރޫއަށް ބޭނުންވާ ލޮކޭޝަންތައް ކަނޑައަޅައި ޙުއްދަ ހޯދުމާއި އަދި ރަށުގެ ފެނުގެ ސްޓޯރޭޖް ކެޕޭސިޓީ ދިރާސާކުރުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.ފުވައްމުލަކުގައި ފެނާ ނަރުދަމާގެ ޑިޒައިނިންގ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑާއެވެ. ޑިޒައިނިންގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭނީ މިއަހަރުގެ ޖޫން މަހުގައެވެ.މިނިސްޓްރީން ބުނީ، ފެނާ ނަރުދަމާގެ އަމަލީ މަސައްކަތް މިއަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ. ފުވައްމުލަކުގެ ފެނާ ނަރުދަމާގެ މަޝްރޫޢުއަކީ ކުވޭތު ސަރުކާރުގެ ލޯނު އެހީއާއި ސަރުކާރުގެ ބެޖެޓުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެބެ. މި މަޝްރޫޢަށް ދުއިސައްތަ އެއްތީރީސް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.މީގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެގާރަ ރަށެއްގައި ނަރުދަމާގެ ނިޒާމް އަދި ފަސް ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމަށް ބޭރު ޤައުމުތަކުގެ ލޯނު އެހީގެ ގޮތުގައި އަށްސަތޭކަ ހަތްދިހަ އެއް މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.