ޚަބަރު

ކަނޑުމަތީގެ ޙާދިސާތައް މަދުކުރުމަށް ވޯޓަރ ސޭފްޓީ ޕޮރޮގްރާމެއް ހިންގަނީ


ފަތުރުވެރިންނަށް ކަނޑުމަތީގައި ދިމާވާ ތަފާތު ހާދިސާތައް މަދުކުރުމަށް ވޯޓަރ ސޭފްޓީ ޕޮރޮގްރާމެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ކ.ދިއްފުށީގައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ނައުޝާދު މުޙައްމަދު ވިދާޅުވީ، ފަހަކަށް އައިސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަނޑުމަތީގައި ދިމާވާ ތަފާތު ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ހާދިސާތައް މަދުކުރުން ކަމަށެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ތެރެއިން، އެރަށެއްގައި މޫދަށް އެރުމަށް އެންމެ ރައްކާތެރީ ކޮންކޮން ސަރަޙައްދުތަކެއްތޯ ކަނޑައަޅާ، ރަށްރަށުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމު ހިންގުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ ކަނޑުމަތީގެ ތަފާތު ޙާދިސާތައް އެންމެ ގިނައިން ހިނގާފައިވާ ރަށްތަކަށްކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އިސްކަން މިދެނީ ކޮބާތޯ މީހުން ދިރިއުޅޭ ރަށްރަށުގައި ގެބޭ ސަރަޙައްދުތައް އައިޑެންޓިފައިކުރުމަށް. އޭގައިވެސް މިބަދަލީ ގެސްޓްހައުސްތައް ގިނަ ރަށްރަށާއި، މިހާތަނަށް މިފަދަ ޙާދިސާތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ ރަށްރަށް. އޭގެ ތެރެއިންވެސް އެންމެ ވަލްނަރަބަލް ރަށްތައް މި އައިޑެންޓިފައިކުރަނީ. މާފުއްޓާއި، ދިއްފުއްޓާއި، ތުލުސްދޫ، އަދި ހިންމަފުށި މިއީ މިފަހަކަށް އައިސް މިކަހަލަ ހާދިސާތައް އެންމެގިނައިން ހިނގާފައިވާ ރަށްރަށް. އެހެންވީމަ އެރަށްރަށް އެސެސްކުރެވިގެންދާނެ." ޑރ.ނައުޝާދު މުޙައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި ގޯސްޓްގާޑު އަދި ބައެއް އަމިއްލަ އެންޖީއޯތަކާއި ގުޅިގެންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމް ކ.ދިއްފުށީގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ފަތުރުވެރިންނަށް ކަނޑުމަތީގައި ދިމާވާ ތަފާތު ޙާދިސާތަކުގައި ގެބިގެން މަރުވުމާއި ގެއްލުމުގެ ޙާދިސާތައް ފަހަކަށް އައިސް އިތުރުވެފައިވާތީ، ފަތުރުވެރިން ގޮވައިގެން ކަނޑުމައްޗަށް އަރާ ފަރާތްތަކުންވެސް ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޙާއްސަކޮށް ފަތަން އެނގޭކަމަށް ބުނިނަމަވެސް، އެމީހުން އެކަނި މޫދަށް އެރުމަށް ދޫކޮށްނުލުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.