ޚަބަރު

ވޯޓު ލުމަށްފަހު ވޯޓުލާ މަރުކަޒުގައި މަޑުނުކުރައްވާ - އީސީއެމް


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމަށްފަހު ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ދީފައިވާ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް އެއްވެސް ބޭނުމަކު މަޑުނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އިސީއެމް)އިން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 6ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޚާއްސަ ސެޝަން ފެށުމުގެގޮތުން ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަހުމަދު ޝަރީފް ވިދާޅުވީ، ވޯޓުލުމަށްފަހު ވޯޓުލާ މަރުކަޒުގައި މަޑުކުރުމުގެ މައްސަލަ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވަރަށް ބޮޑަށް ދިމާވި ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ. އަދި ވޯޓު ލާން ފިޔަވައި އިތުރު އެހެން ކަމެއްގައި އެއްވެސް މަރުކަޒެއްގައި އެއްވެސް ފަރާތަކަށް ހަރަކާތްތެރި ނުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވޯޓުލާން ފިޔަވައި އިތުރު ކަމެއްގަ، އިތުރު ގޮތަކަށް ސްކޫލު ތެރޭގަ، ނުވަތަ ވޯޓުލާ މަރުކަޒު ތެރޭގަ މަޑުކޮށްގެން ތިބުމަކީ މިފަހަރު އަޅުގަނޑުމެން އެއްވެސް ފަރާތަކަށް ފުރުސަތު ދޭން ބޭނުންވާ ކަމެއް ނޫން. އޭގެ މާނައަކީ ސްކޫލެއްގެ ގޭޓުން އެތެރެއަށް ވަދެވޭނީ ވޯޓުލާން. ވޯޓު ލުމަށްފަހު އެތާގައި ގޮނޑި އަޅައިގެން މޭޒު ޖަހައިގެން ލިސްޓު ހިފައިގެން އަންނަ މީހުން ފާހަގަކުރަން ނާންނަމީހުން ފާހަގަކުރަން ތިބުމުގެ ފުރުސަތެއް މިފަހަރު އަޅުގަނޑުމެން ދޭކަށް ބޭނުމެއް ނޫން. ހަމަ ވޯޓުލާ ނިމުމާ އެކީގަ ސްކޫލުގެ ބައުންޑްރީއިން ނުވަތަ ވޯޓުލާ މަރުކަޒުން ބޭރުވާން ޖެހޭނެ. މިކަމުގަ ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް އެބަ ބޭނުންވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެފިޔަވަޅުއަޅަން ނިންމީ ރިޔާސީ އިންތިޚާބުގައި އެކި ފަރާތްތަކުން އެފަދަ ކަންކަން ފާހަގަކުރެވިފައިވާތީ، މިފަހަރުގެ އިންތިޚާބުގައި އެކަން ހައްލުކުރުމުގެ ބޭނުމުގައިކަމަށް ޝަރީފްވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި އެކަންވީ ވަރަށް ބޮޑު އުނދަގުލަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް، ވޯޓު ފޮށި ހުންނަ ސަރަހައްދަށް ފުލުހުންނަށް ނުވަދެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވޯޓު ފޮށި ހުންނަ ސަރަހައްދަށް ފުލުހުންނަށް ވަދެވޭނީ ދެ ހާލަތެއްގައި ކަމަށެވެ.

"އެއް ކަމަކީ ފޮށީގެ ވެރިޔާ ރިކުއެސްޓު ކުރަނީ ފުލުހުންގެ އެހީތެރިކަމަށް. ދެވަނަ ކަމަކީ ކަނޑައެޅިގެން ފުލުހުން ހުރަސް އަޅަން ޖެހޭ ވަރުގެ ޖިނާއީ ކަމެއް މަރުކަޒު ތެރޭގަ ހިނގީ. މިސާލަކަށް ތަޅާފޮޅައިގަތީ. އެހެން ވެއްޖެ ކަމަށް ވަންޏާމު އެތަނަށް ހުއްޓުވަން ވަދެވޭނެ، އެކަމަކު ފޮށީގެ ވެރިޔާގެ ހުއްދައާއެކު ވަދެވޭނީ. ސަބަބަކީ އަޅުގަނޑުމެން، އިލެކްޝަންސް ކޮމީޝަނުގެ ބޭފުޅުނަށްވެސް މަރުކަޒަށް ވަދެވޭނީ ވެރިޔާގެ ހުއްދައާއެކު،" ޝަރީފް ވިދާޅުވިއެވެ.

ފުލުހުންނަށް ބޭއްވި ސެޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފާއިތުވި ތަނުގައި ބޭއްވި އިންތިޚާބުތަކެކޭވެސް އެއްގޮތަށް އިލެކްޝަންސް ކޮމިޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަމާން އިންތިޚާބެއް ބޭއްވުމަށް ފުލުހުންގެ އިދާރާއިން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.