ޚަބަރު

ސަރުކާރުން ކަރަންޓުގެ އަގު ހެޔޮކޮށްފި


މިމަހުގެ ފުރަަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރައްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރަޢީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކޮށް، މިގެނައި ބަދަލާއިއެކު މާލެއާއި އަތޮޅުތަކުގެ ރަށްތަކުގެ ޓެރިފް ރޭޓުތައް އެއްވަރުވެގެންދާނެކަމަށެވެ. އެގޮތުން ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން ފެށިގެން މަތީގެ ޓެރިފްތަކުން ނަގާ އަގައި، މާލެއާއި ރަށްރަށުގެ ފަރަގު މުޅިން ނައްތާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަދަލަކީ ރައްޔިތުންގެ އެންމެ އަސާސީ އެއް ބޭނުންކަމަށްވާ ހަކަތައަށް ކުރާހޭދަ ކުޑަކޮށް، ރައްޔިތު މީހާގެ ޖީބުން މި ޚިދުމަތް ހޯދުމަށް ކުރާާހޭދަ ލުއިކުރުމަށް ސަރުކާރުން ގެނައި ބަދަލެއްކަަމަށެވެ.

ވިޔަަފާރިތަކުގެ ކަރަންޓު ބޭންޑްތަކުގެ ޓެރިފް ރޭޓްތައް އެއްވަރުކޮށް، ވިޔަފާރިތަކުން ކަރަންޓަށް ނަގާ އަގުވެސް ސަރުކާރުންވަނީ ހެޔޮކުރައްވަން ނިންމަވާފައެވެ. މިބަދަލަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ކުރާހޭދަ ކުޑަކޮށް، އެފަރާތްތަކުގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށް ވިސްނައި ގެނައި ބަދަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިގެނައި ބަދަލާއިއެކު 2200ރުފިޔާ އަރާ ގޭބިސީއެއްގެ ކަރަންޓު ބިލަށް ދެން އަރާނީ 1700ރުފިޔާ. އަދި 4500 ކަރަންޓުބިލަށް ދައްކާ ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ 3400 ރުފިޔާ. ބާކީވާ ފައިސާ ހަމަވެގެންދާނީ ރައްޔުތުންގެ ޖީބަށް ވަންނަ ފައިދާއަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑީސަލުން %5 ޑިއުޓީ ކަނޑާލުމަށް ވެސް ސަރުކާރުން ނިންމާފައިވާކަމަށާއި، މިކަމުގެ ލުޔެއްގެގޮތުން ފިއުލް ޑިސްކައުންޓެއް ވެސް ކުރިއަށް އޮތްތާންގައި ރައްޔިތުންނަށް ލިބޭނެކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ ދުރުރާސްތާ ވިސްނުމަކީ، ދިވެހި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުދޭ ޤައުމަކަށް ބަދަލުކުރުންކަމަށެވެ. އެގޮތުން ކަރަންޓު ދިނުމަށް ޖެނެރޭޓަރަށް ބަރޯސާވުމުގެ ބަދަލުގައި އަވިން އުފައްދާ ހަކަތަ ފުޅާކުރުމަކީ ސަރުކާރުން މުސްތަޤްބަލުގައި އިސްކަމެއް ދެއްވާނެކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ކަރަންޓުގެ އަގު އިތުރަށް ހެޔޮވެގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.