ޚަބަރު

ފާރަގެމާގެ ކުއްތާތަކަށްވެސް މަޤާމުގެ ކުރިއެރުން ދެނީ


ފާރަ ގެމައިގައި ބޭނުންކުރާ ކުއްތާތަކަށްވެސް، މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަޤާމުގެ ކުރިއެރުން ދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.ކުއްތާ ސްކޮޑް ނުވަތަ ފާރަ ގެމައިގައި ބޭނުންކުރާ ސޯޅަ ކުއްތާ ރާއްޖެ ގެނެސް އެތަކެއްޗަށް ދޭންޖެހޭ ތަމްރީންތައް ދިނުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މި ތަމްރީންތައް ކުރިއަށްގެންދަނީ ކުއްތާތައް ބޭތިއްބުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ހަދާފައިވާ ކުއްތާ ކޮށީގައެވެ.ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިހާރު ކުއްތާތަކުގެ މަގާމަކީ ރެކްރޫޓް ކަމަށެވެ. އަދި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންސްޓަބަލް، ލާންސް ކޯޕްރަލް، ކޯޕަރަލްގެ މަގާމުވެސް ދެވޭނެ ކަމަށާއި، ނަމަވެސް އެންމެ މަތިން ދެވޭނީ ސާޖަންޓްގެ މަގާމަށްކަމަށެވެ.މީގެ އިތުރުން ކުއްތާތަކަށް ހާއްސަ ޔުނީފޯމެއް ހެދުމުގެ މަސައްކަތްވެސް ފުލުހުން ފަށާފައިވާ ކަމަށާއި، ކުއްތާތަކަށް ދޭންޖެހޭ ތަމްރީންތައް ދިނުމަށްފަހު ހޯމް މިނިސްޓަރ ހުއްދަ ދެއްވުމުން، އޮޕަރޭޝަންތަކަށް ރަސްމީކޮށް ނެރެންފަށާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މީގެ އިތުރުން ކުއްތާތަކަށް ދޭން ނިންމާފައިވާ ނަންތައް ފައިނަލް ކުރުމުގެ މަސައްކަތް ދިވެހި ބަހުގެ އެކަޑަމީއާއި ގުޅިގެން ފުލުހުން މިހާރު ވަނީ ފަށާފައެވެ.ފާރަ ގެމައިގައި ހިމެނޭ ކުއްތާތަކަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ މަގްސަދުގައި ގެނެވުނު ކުއްތާތަކެކެވެ.ކުއްތާތައް ބެލެހެއްޓުމާއި، ދޭން ޖެހޭ ތަމްރީންތައް ދެމުންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ. ނަމަވެސް މަސްތުވާތަކެތީގެ އިތުރުން ވަގު ފައިސާއާއި، ގޮވާތަކެތި ހޯދުމުގެ ގާބިލްކަންވެސް ފާރަ ގެމައިގައި ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.