ސިޔާސީ

ކުރިއަށްވުރެ މިފަހަރުގެ އިންތިޚާބުގެ ސަލާމަތީކަންކަން ވަރުގަދަވާނެ - ފުލުހުން


އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔަތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީކަންކަން ފާއިތުވި ހުރިހާ އިންތިޚާބުތަކަށްވުރެ ފުރިހަމަ ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު މެންދުރުފަހު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިލެކްޝަން ސެކިއުރިޓީ ކޮމާންޑާރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިންތިޚާބުގެ އެންމެހާ ސަލާމަތީ ކަންކަން ބެލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.

"ރާއްޖެއިން ބޭރުގައި ވޯޓް ލުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ބަހައްޓާ ވޯޓް ފޮށިތަކާއި ވޯޓް ކަރުދާސްތައް ފޮނުވުމުގައި އިންތިޒާމްތައް ހަމަޖައްސައި ވޯޓް ލުމަށް ހަމަޖެހިފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން އިލެކްޝަން ކޮމިޝަނާ އެއްކޮށް ބަލަހައްޓަމުންދާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ވޯޓުފޮށިތަކާއި އިލެކްޝަންސް ކޮމިޝަންގެ ސަލާމަތީކަންކަން ފުލުހުން ފުރިހަމައަށް ބަލަހައްޓަމުން ގެންދާނެ ކަމަށާއި ވޯޓުފޮށިތައް ބަހައްޓާ ރޫމްގެ ސަލާމަތީ ކަންކަން މިދިޔަ އިންތީޚާބުތަކަށްވުރެ ވަރުގަދަވާނެ ކަމަށެވެ. އެގޮތުން ފުލުހުންނަށް ނޭންގި ވޯޓުފޮށިތައް ބަހައްޓާ ރޫމަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށެވެ.

"މިދިޔަ އިންތިޚާބުތަކަށްވުރެ މިފަހަރު ސަލާމަތީކަންކަން ވާނީ ވަރުގަދަކޮށްފައި. މިފަހަރު ޔަގީންކަން އޮންނާނެ ސެކިއުރިޓީ ރޫމް ތެރެއަށް ފުލުހުންނަށް ނޭންގޭ މީހަކު ނުވަދެވޭނެކަން އަދި އެތަނަށް ވަންނަ ކޮންމެ މީހެއްގެ މައުލޫމާތު ދާނީ ވަގުތުން ނޯޓް ކުރެވި ބެލެހެއްޓެމުން. ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފާއިތުވެ ދިޔަ އިންތިޚާބުތަކުގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބަކީ ހުރިހާ އެންމެނަށްވެސް ސަލާމަތްތެރި ރައްކާތެރި އިންތިޚާބަކަށް ހެދުމަށް ދުރާލާ ފުލުހުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ތަމްރީންތައް ހަދާނިމި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ ފުލުހުންވެސް ފޮނުވާ ނިމިފައިވާ ކަމަށެވެ.

"އިންތިޚާބު އަމާން ވެއްޓެއްގައި ކުރިއަށް ގެންދިއުމަށް ފުލުހުންގެ އޮޕަރޭޝަން ބުލޫ ޓައިޑްގެ ތެރެއިން ވޯޓް ފޮށި ބަހައްޓާ ހުރިހާ ތަނެއްގައި ފުލުހުން ހަރަކާތްތެރިވާނެ. އެގޮތުން މާލެއާއި ރަށްރަށާއި ރިސޯޓް އަދި ރާއްޖެއިން ބޭރުގައި ވޯޓުލާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވާނެ." ޝަރީފް ވިދާޅުވިއެވެ.

ފުލުހުންވަނީ މިހާރު ތައްޔާރުވެފައިވާ ކަންކަމުގެ އިތުރުން ކުރިމަތިވެދާނެ ކަންކަމަށް ރައްކާތެރިވުމުގެ ގޮތުން ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އެކަންކަން ފުރިހަމަ ކުރުމަށްޓަކައި 18ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން އަދި އެފަރާތްތަކުގެ މަންދޫބުންނާއި ބައްދަލުކޮށް ފުލުހުން އަންނަނީ މަޝްވަރާކުރަމުންނެވެ. އިލެކްޝަން ސެކިއުރިޓީ ކޮމާންޑާރ ޝަރީފް ވިދާޅުވީ އިންތިޚާބާއި ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކުރަން ފުރުޞަތު ނުދޭނެ ކަމަށާއި ފުލުހުން ވަރަށް ވަރުގަދައަށް މިފަހަރުގެ ކަންކަން ބަލާނެ ކަމަށެވެ.

އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަމާޒުކޮށް މިހާތަނަށް އަދި އެއްވެސް ހަމަނުޖެހުމެއް ހިންގަންއުޅޭ ކަމުގެ ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.