ސިޔާސީ

ސިޓީ ކައުސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުން ފާސްކޮށްފި


ކައުންސިލްތަކަށް ބާރު ދިނުމާއި، މުސާރައާއި އިނާޔަތްތައް ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ 34 މެންބަރުންގެ އިއްތިފާޤުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ އިޙްތިޔާރުން ސިޓީ ކައުންސިލްތަކަށް ބާރުތައް ދެއްވުމާއި ގުޅިގެން މާލިއްޔަތު ކޮމިޓީން ވަނީ އެ ބާރުތައް ދީ ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމަށްވެސް ފާސްކުރައްވާފައެވެ. އެގޮތުން މޭޔަރަށް މުސާރަޔާއި ލިވިންގ އެލަވަންސްގެ ގޮތުގައި ސާޅީސް ހާސް ރުފިޔާ، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ތިރީސް ފަސް ހާސް ރުފިޔާ އަދި ލިވިންގ އެލަވަންސާއެކު މެމްބަރުންގެ މުސާރަ ތިރީސް ހާހަށް ބޮޑު ކުރުމަށް މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.

ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އަލުން ބޮޑުކުރަން ނިންމިއިރު އެފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ދަށްކޮށްފައިވަނީ ވެސް މަޖިލީހުންނެެވެ. އެގޮތުން ސިޓީ ކައުންސިލް މެމްބަރުންނަށް ދެމުންދިޔަ މުސާރައާއި އިނާޔަތުން ފަންސާސް އިންސައްތަ ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމެވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

ދެހާސް ފަނަރަވަނަ އަހަރު އެގޮތަށް ނިންމުމުން ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައާއި ލިވިންގ އެލަވަންސްގެ ގޮތުގައި އަށާރަ ހާސް، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ފަނަރަ ހާސް ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް ލިވިންގ އެލަވަންސާއެކު ލިބެނީ އެގާރަ ހާސް ފަސްސަތޭކަ ރުފިޔާއެވެ.

މިއަދު މަޖިލީހުގެ ޖަލްސާއެއް ޞާއްވާފައި މިވަނީ، ޖަލްސާ ނުބާއްވާތާ ހަފްތާއެއްހާ ދުވަސްފަހުން. އެގޮތުން މަޖިލިސް ހުޅުވި ފަހުން މިހާތނަސް ބާއްވާފައިވަނީ އެންމެ ނުވަ ޖަލްސާއެވެ. މިމަހުގެ ނިޔަލަށް ޖަލްސާތައް ބޭއްވުމަށްފަހު 18 ވަނަ މަޖިލީހުގެ ދައުރު ނިމޭނެއެވެ.