ދުނިޔެ

ކެންޔާގައި އަނެއްކާވެސް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު


ކެންޔާގެ ސްކޫލަކަށް ނުވަތަ ޔުނިވަރސިޓީއަކަށް އަމާޒުކޮށް ދާދި އަވަހަށް ހަމަލާއެއް ދޭނެ ކަމަށް ބުނާ ޖާސޫސީ މަޢުލޫމާތު އެގައުމުގެ ސަލާމަތީ ބާރުތަކުން ލިބުނު ކަމަށް ކެންޔާގެ މިޑިއާތަކުން ރިޕޯޓްކޮށްފިއެވެ.އެފަރާތްތަކުން މިކަން ރިޕޯޓްކޮށްފައި މިވަނީ ކެންޔާގެ ގަރިއްސާ ޔުނިވަރސިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ވަރުގަދަ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި އެގައުމުގެ އެކި ކަންކޮޅުތަކުގައި ހިތާމަ ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.ސޯމާލިޔާއަށް ނިސްބަތްވާ ޢަލް ޝަބާބް ހަނގުރާމަވެރިން ދިން މި ހަމަލާގައި 148 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.މީގެ ތެރޭގައި ގިނައީ ޔުނިވަރސިޓީގެ ދަރިވަރުން ކަމަށް ވެސް ޚަބަރު ލިބެއެވެ.ކެންޔާގެ ދުވަހު ނޫހެއް ކަމަށްވާ ޑެއިލީ ނޭޝަންއިން ބުނެފައިވަނީ ކެންޔާގައި މަތީ ތައުލީމު ދޭ ތަންތަނަށް ހަމަލާތައް ދޭނެ ކަމަށް ބުނާ ޖާސޫސީ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިފައިވާ ކަމަށާ މިކަމާ ބެހޭ ގޮތުން ވަކި ވަކި މުއައްސަސާތަކަށް އިލްތިމާސް ވެސް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމުގައި އެކަށިގެންވާ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.