ސިޔާސީ

ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއަށް އަހަރަކު 30 މިލިއަން


ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް އަހަރަކު 30 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށްދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިހެއުމާގުޅިގެން ޗުއްޓީ ނަގާ މުވައްޒަފުންގެ މައްސަކަތްތައް އަދާކުރުމަށް، ވަގުތީ މުވައްޒަފުންގެ ގޮތުގައި ހަތަރު ސަތޭކައެއްހައި މުވައްޒަފުން ހޯދަންޖެހޭކަމަށް ލަފާކުރެވޭކަމަށެވެ.

ރައީސް ވިދާޅުވީ، މިފަދަ ކަންކަމަކީ ދައުލަތުން ބުރައެއް އުފުލަންޖެހުނަސް ކުރަންޖެހޭނެ ކަންކަމުގެ ގޮތުގައި އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށާ، ދައުލަތުގެ ޒިންމާއަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފައިދާވާގޮތަށް ކަންތައްތަކެއްކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

އެމަނިކުފާނުގެ މިނިންމެވުމަކީ ވަރަށް ދިރާސާތަކެއްކޮށް ދެމެހެއްޓިނިވި ގޮތެއްގައި ކުރެވޭނެކަމަކަށްވާތީ ކުރެއްވިކަމެއްކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ސިވިލް ސާރވިސްގެ ގިނަ މުވައްޒަފުންނަކީ އަންހެނުންކަން ފާހަގަކުރައްވާ ވިދާޅުވީ، ފާއިތުވި ފަސްއަހަރު އަންހެން މުވައްޒަފުންގެ ނިސްބަތުން ނުވައެއް އިންސައްތަ ނުވަތަ ސާދަ ސަތޭކަ މުވައްޒަފުން ޗުއްޓީނަގާކަމަށް ދިރާސާތަކުން ދެއްކިކަމަށާއި، އެ ދިރާސާއަށް ބެލުމަށްފަހު އެކަން އެންމެ އެކަށާނެގޮތަށް ބަދަލު ގެންނެވީކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވިހެއުމުން ދޭ ޗުއްޓީއަށް ހޭދަވާ ފައިސާގެ ޚަރަދު ދައުލަތުގެ ރިކަރަންޓް ޚަރަދުން ކުޑަކުރެވޭނެ ގޮތްތަށް ބައްލަވާ އެ ބަދަލު ގެންނަވާކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، މި ސަރުކާރުން ސަތޭކަ ދުވަހު ކުރުމަށް ކަނޑައެޅި ކަންތަކުން އެންމެ ހިތްހަމަ ޖެހިވަޑައިގަންނަވާ އެއްކަމަކީވެސް ވިހެއުމުން މައިންނާއި ބައްޕައިންނަށް ދޭ ޗުއްޓީ ހަމަޖައްސައިދިނުންކަން ފާހަގަކުރައްވާފައެވެ. މިއީ މިވެރިކަމުގައި ކުރެވުނު އެންމެ ރަނގަޅު އެއްކަންތައކަމަށް ސިފަކުރައްވާ އެކަމާ އުފާކުރައްވާކަމަށް ރައީސް ޞަލިޙް ވިދާޅުވިއެވެ.

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ސަރުކާރުންވަނީ ވިހެއުމުން މައިންނަށް ލިބޭ ޗުއްޓީ ހަމަސް ދުވަހަށް އަދި ބައްޕައިންނަށް ލިބޭ ޗުއްޓީ އެއްމަސްދުވަސް ދިނުމަށް ކަނޑައަޅާފައެވެެ.