އެއިޓީން ޓު ތާރޓީ ވިމެންސް ފުޓްސެލް ފިއެސްޓަރ ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރުމާއި ދިމާއަށް ދިވެހި ސިފައިންގެ ކްލަބް މިސްރާބު ޖަހައިފިއެވެ.ފާއިތުވި ދެއަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.ސިފައިން ސެމީފައިނަލަށް ދަތުރުކުރީ ކްއާޓަރ ފައިނަލްގައި ރޭ ޓީމް ފެނަކައާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. ސިފައިންގެ ކްލަބް މެޗު ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.ސެމީފައިނަލްގައި ސިފައިންގެ ކްލަބް ވާދަކުރަން ޖެހޭނީ އެންމެ ވާދަވެރި ޕޮލިސް ކްލަބާއެވެ.ޕޮލިސް ކްލަބް ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި ކްލަބް އެމްއާރުޑީސީއާއި ވާދަކޮށް ފަސޭހަ މޮޅެއް ހޯދައިގެންނެވެ. އެއީ ހައެއް ސުމަކުންނެވެ.ސެމީފައިނަލް އަނެއް މެޗުގައި ވާދަކުރާނީ މިމުބާރާތް ފުރަތަމަ ދެ އަހަރު ކާމިޔާބުކުރި އިމިގްރޭޝަންއާއި އެސްޓީއޯއެވެ.އިމިގްރޭޝަން ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި އެކެއް ސުމަކުން މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ބަލިކޮށްގެންނެވެ.އެސްޓީއޯ ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި އޭޑިކޭ ސިނާރޖީއާއި ވާދަކުރި މެޗު އެކެއް އެކަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.