ސިޔާސީ

ކުރީގެ ނައިބް ރައީސް އަދީބް ގޭބަންދަށް ބަދަލުކޮށްފި


ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ރޭ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިސަރު އަޙްމަދު ލުޤުމާން ވިދާޅުވީ ރޭ 11:30 ހާއިރު، ވަކި ޝަރުތުތަކަކާއެކު ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް ގޭ ބަންދަށް ބަދަލުކުރައްފާއިވާ ކަމަށެވެ. ނަމަވެސް އެ ޝަރުތުތައް އޭނާ ހާމައެއް ނުކުރައްވައެވެ.

ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ސިއްޚީ ހާލުކޮޅު ގޯސްވެ މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ދެ ހަފުތާއެއްހާ ދުވަހު ފަރުވާ ދިނުމަށްފަހުއެވެ. އެހެން ނަމަވެސް އަދީބަށް ފަރުވާ ދިނީ ކޮން ބައްޔަކަށް ކަން ސާފެއް ނުވެއެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައާއި އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ ބައެއް މައްސަލަތަކާއި ގުޅިގެންނެވެ. ވަކިވަކިން ކޮށްފައިވާ މިޙުކުމްތައް ތަންފީޒު ކުރުމުގައި އަދީބުވަނީ މިހާތަނަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ.

ޓެރަރިޒަމާއި ޚިޔާނާތުގެ ގިނަ ކުށްތަކެއް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު މިިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް ގޭ ބަންދަށް ބަދަލުކުރިއެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ޖެނުއަރީ ދެ ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ އަދީބު ޖަލަށް ގެންދިއުމުން، އޭނާ ގޭ ބަންދަށް ބަދަލުކުރުމުގެ އަމުރެއް ހައި ކޯޓުން ނެރުމުން ގޭ ބަންދަށް ބަދަލުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ އެ އަމުރަށް އަމަލުކުރުން ފަސްކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް، އެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދުމުންނެވެ.

މީގެ ކުރިން އަދީބު ގޭ ބަންދަށް ބަދަލުކުރުމުން، އޭނާ ނިސްބަތްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން އެކަން ހާމަކުރި ނަމަވެސް މިފަހަރު އަދީބް ގޭ ބަންދަށް ބަދަލުކުރުމާއި ގުޅޭގޮތުން އެ ޕާޓީން މިހާތަނަށް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އަދި އެ ޕާޓީގެ ބަހެއް ހޯދުމަށް ޕީއެސްއެމްއިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.