ޚަބަރު

ޝިމާ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި


ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ގެެއްލިގެން ހޯދަމުންދާ އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 10ވަނަ ދުވަހު ލ.މާމެންދޫއިން 17 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފައިވާ ކަމަށެވެ. އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަންގާރަ ދުވަހު ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 ހާއިރު، 17 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ލ.މާމެންދޫއިން ފުރައިގެން ޑިންގީއެއްގައި ދަނިކޮށް ސިކްސް ސެންސަސް ރިސޯޓުކައިރިން ކަނޑުމަތިން ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 24 އަހަރާއި 26 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ.

ގެެއްލިގެން ހޯދަމުންދާ އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ޝިމާ ގޮވައިގެން ޑިންގީގައި ދަތުރުކުރި ލ.ގަމު އިބްރާހިމް ފަޒީލް ވެސް ހިމެނެއެވެ.

ފަޒީލާއި ޝިމާ ދަތުކުރި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ލ.ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ފަޒީލް ސަލާމަތްވީ ފަތާފައި، އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ރިސޯޓަށް އަރައިގެން ކަމަށް އޭނާ ބުނެއެވެ.