ޚަބަރު

ވަގުތު ހަމަވަނީ، ވޯޓާރސް ލިސްޓުގައި 168 ފަރާތުން އަދިވެސް ސޮއެ ނުކުރޭ - އީސީ


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓާރސް ލިސްޓުގައި 168 ކެނޑިޑޭޓުން އަދިވެސް ސޮއި ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓާރސް ލިސްޓުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލީ ހޯމަ ދުވަހުއެވެ. އަދި މިއަދުގެ މެންދުރުފަހު 14:30ގައި އެފުރުޞަތު ބަންދުވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމަށް ހުޅުވާލުމުން މިހާތަނަށް 218 ކެންޑިޑޭޓުން ސޮއިކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް 168 ކެނޑިޑޭޓުން އަދިވެސް ސޮއި ނުކުރާ ކަމަށެވެ.

ފައިނަލް ވޯޓާރސް ލިސްޓުގައި ސޮއިކޮށްފައިވަނީ އެމްޑީޕީގެ 65 މީހުންނާއި އަމިއްލަ ގޮތުން ވާދަކުރާ 75 މީހަކާއި ޕީޕީއެމްގެ 10 މީހަކާއި ޕީއެންސީގެ 12 މީހުންނާއި ޖުމްހޫރީ ޕާޓީން ވާދަކުރާ 41 ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީގެ 4 މީހަކާއި އެމްއެލްއެސްޑީގެ ދެ މީހުންނާއި އެމްޑީއޭއިން ވާދަކުރާ 8 މީހުން އެއްކޮށް އަދި ޑީއާރްޕީއާއި އެމްޓީގެ އެންމެ ފަރާތަކުން ކަމަށެވެ.

ފައިނަލް ވޯޓާރސް ލިސްޓުގައި ސޮއިކުރުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 20 ކެނޑިޑޭޓުންނާއި އަމިއްލަ 99 ކެނޑިޑޭޓުންނާއި ޕީޕީއެމްގެ 14 މީހުންނާއި ޕީއެންސީގެ 10 ކެނޑިޑޭޓަކާއި އަދާލަތުގެ 5 ކެނޑިޑޭޓުންގެ އިތުރުން ލޭބާ ޕާޓީގެ 8 މީހުންނާއި އެމްޓީޑީގެ 7 މީހުން އަދި ޑީއާރުޕީގެ ފަސް ކެންޑިޑޭޓުން ސޮއި ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއި ކުރަން ފަށާފައިވަނީ އެލިސްޓު އާންމުކުރުމަށްފަހު ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމަށްފަހުއެވެ. ފައިނަލް ވޯޓަރސް ލިސްޓް ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ. ލިސްޓްތަކުގައި ސޮއިކުރުން ކުރިއަށްދަނީ ބައު ޖަމާލުއްދީނުގައި ޤާއިމްކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އިންތާޚާބީ މަރުކަޒުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ ކަމަށެވެ. އަދި މުޅިން އަލަށް ދެހާސް ތިންސަތޭކަ ތިރީސް ހަ މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.