މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި އިހުމާލުވާ ކަމަށް އިއުތިރާފްވީ ތިން މީހުންގެ އިބްތިދާޢީ އަޑުއެހުންތައް އަލުން ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގާ ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރެއިން އެ މަރުގެ މައްސަލާގައި އިޢުތިރާފްވެފައިވަނީ އިންޑިއާގެ ތިން މީހެކެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ފުރަތަމަ ޝަރީޢަތުގައި އެ ތިން މީހުން ވަނީ ރައުޝަން ޖިއާން މަރުވެފައިވަނީ އެ މީހުންގެ އިޙްމާލުންކަމަށް ބުނެފައެވެ. ނަމަވެސް ރައުޝަން ޖިއާން މަރުވި ހާދިސާއަކީ އެމީހުން ގަސްތުގައި ކުރި ކަމެއް ނޫންކަމަށް އެމީހުން ވަނީ ޝަރީއަތުގައި ބުނެފައެވެ. އެ ޝަރީޢަތުގައި އެމީހުން ޤާނޫނީ ވަކީލަކު ހަމަޖައްސައިފައެއް ނުވެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޝަރީޢަތުގައި އެ ތިން މީހުންވެސް ވަނީ ޤާނޫނީ ވަކީލެއް ހަމަޖައްސާފައެވެ. ޤާނޫނީ ވަކީލަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވީ ވަކީލަކު ނެތީސް އެ ތިން މީހުންގެ ޝަރީޢަތް މީގެކުރިން ގެންދިޔައީ މައްސަލައިގެ ލިޔެ ކިޔުންތައް ޙަވާލުކުރިއިރުވެސް ވަކީލަކު ހަމަޖައްސާފައި ނުވުމުން ކަމަށެވެ.
ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޙަވާލާދީ އެ ތިން މީހުންގެ ވަކީލު ޝަމީމް ވިދާޅުވީ އެތިން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އިއުތިރާފުވުމުގެ ކުރިން ވަކީލަކު ބޭނުންވާ ކަމަށް އެމީހުން ބުނެފައިވާ ކަމަށާއި އެހެންކަމުން ވަކީލަކު ހަމަޖައްސަން އެމީހުންނަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށެވެ.
ޝަމީމްގެ އެ ވާހަކަތައް ދަޢުލަތުގެ ފަރާތުންވެސް ދެކޮޅެއް ނުހަދައެވެ. އެހެންކަމުން މައްސަލަ ބައްލަވާ ޤާޒީ ވަނީ އިބްތިދާއީ އަޑުއެހުން އަލުން މިއަދު ފެށުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލާގައި އިތުރު ތިން މީހަކަށްވެސް ދަޢުވާ ކުރާތީ ހުރިހާ އެންމެންގެ އިބްތިދާއީ އަޑުއެހުން އެއްކޮށް ކުރިއަށް ގެންދަން ދައުލަތުން ވަނީ އެދުނެވެ. އެހެންކަމުން ދަޢުލަތުން އެދުނު ގޮތަށް އެންމެންގެ އިބްތިދާޢީ އަޑުއެހުން ކުރިއަށް ގެންދަން ޤާޒީ ނިންމެވިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 9 އަހަރުގެ ރައުޝާން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު މަރުވެފައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ޢިމާރާތް ކުރަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާގެ ބޮލުގައިޖެހި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށެވެ.