ސިޔާސީ

މެލޭޝިޔާގައި ހުންނަވާ ސަފީރުކަމަށް ވިސާމް އަލީ އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އާޒާދެވާދީ ވިސާމް ޢަލީ ޢައްޔަން ކުރައްވައިފިއެވެ.

ވިސާމް ޢަލީއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ވިސާމް އަލީ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެކަމަނާއަކީ ޑީ.އާރު.ޕީގެ ލީޑަރު އަދި މިހާރު ވެރިކަން ކުރާ އެމްޑީޕީގެ މެންބަރު އަޙްމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.

ވިސާމް އަލީ ސަފީރުކަމަށް އައްޔަންކުރެއްކުރެއްވުމާއި ގުޅިގެން ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ މެލޭޝިއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަލިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.