ސިޔާސީ

ޕެރޯލްގެ ޤާނޫނަށްގެނައި އިސްލާހާ އޭޖީ ދެކޮޅުކަމަށް ތުހުމަތުކޮށްފި


ދާދިފަހުން މަޖިލީހުން ފާސްކުރި ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް،
ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރި ނުވެވޭ ގޮތަށް ޕޭރޯލްގެ ޤާނޫނަށް ގެނެވުނު
އިސްލާހަށް ފާޑުވިދާޅުވެ، އެމް.ޑީ.ޕީގެ ޗެއަރޕަރސަން އަލީ ވަހީދު ވާހަކަފުޅު ދައްކަވައިފިއެވެ.




"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމުގައި ރޭ އާރޓިފިޝަލް
ބީޗުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން،
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މިބިލާމެދު ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ވިސްނުންފުޅު ތަފާތުކަމަށެވެ. އެގޮތުން
އެ އިސްލާހަކީ ޤާނޫނު އަސާސީން ލިބިދޭ ބައެއް ޙައްޤުތަކާއި ތަޢާރުޒުވާ ކަމެއް
ކަމަށް ވިދާޅުވެ، އެ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން
މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ބަންޑާރަ ނައިބު ސިޓީފުޅެއް ފޮނުއްވިކަމަށް
އަލީ ވަހީދު ވިދާޅުވިއެވެ.



އެހެންނަމަވެސް، ބަންޑާރަ ނައިބް އެފަދަ ސިޓީފުޅެއް ފޮނުވިކަން އަދި،
ބަންޑާރަނައިބް ނުވަތަ މަޖްލިސްގެ އިދާރާއިން އަދި ޔަގީން ކޮށްދީފައެއްނުވެއެވެ.



ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމަށް
ޖެހިވަޑައިގަންނަވާނީ، އިދިކޮޅު ފަރާތްތަކާއިއެކު ސުލްޚައިގެ މޭޒަށް
ވަޑައިގަންނަވަން ކަމަށާއި، އެނޫން ގޮތަކަށް ސަރުކާރު ދެމި ނޯންނާނެކަމަށް
ވިދާޅުވަމުންދާވާހަކަ އަދާލަތު ޕާޓީގެ ރައީސް، އައްޝައިޙް އިމްރާން އަބްދުﷲ
އަނެއްކާވެސް ވަނީ ތަކުރާރު ކުރައްވާފައިވެއެވެ.  



ރޭގެ ޖަލްސާގައި، އެމް.ޑީ.ޕީ. އާއި، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް
ނިސްބަތްވާ މެންބަރުންވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް
ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.