ސިޔާސީ

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި 104 ފަރާތަކަށް ވަޒީފާ ދޭން ނިންމައިފި


ކުރީގެ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުން ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު ވަޒީފާ އަލުން އިޢާދަކުރަން ފެންނަކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ 104 ފަރާތެއްކަމަށާއި، ބައެއް ފަރާތްތަކަކަށް މިހާރު ވަޒީފާ އިޢާދަކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި އަށް ސަތޭކަ ބާރަ ޝަކުވާއެއް ހުށައަޅާފައިވާކަމަށެވެ. އެ ޝަކުވާތައް ސާޅީސް ނުވަ މުއައްސަސާއަކަށް ރައްދުވާކަން ފާހަގަކުރައްވައި ހޫދު ވިދާޅުވީ، އެންމެ ގިނަޝަކުވާ ހުށައަޅާފައިވަނީ އެމްޕީއެލްއާއި، ފެނަކަ ކޯޕަރޭޝަނަށް ރައްދުވަގޮތަށްކަމަށެވެ. އޭނާ ވިދާޅުވީ، ހުށަހަޅަފައިވާ ހުރިހައި ޝަކުވާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އިން މުރާޖަޢާކޮށްފައިވަކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަށް ރައްދުވާ 94 ޝަކުވާއާއި އެމްޕީއެލްއަށް ރައްދުވާ 38 ޝަކުވާ ހުށައަޅާފައިވާމަށާ ފުލުހުންނާއި، ޤައުމީ ދިފާޢީ ބާރުގެ މައްޗަށް ރައްދުވާ 85 ޝަކުވާ ހުށައަޅާފައިވާކަމަށް ހޫދު ފާހަގަކުރެއްވިއެވެ.

އެ މައްސަލަތައް ދިރާސާކުރުމަށްފަހު ސިޔާސީ ސަބަބުތައް އެކުލެވިގެންވާކަމަށް ފެންނާތީ ފުލުހުންގެ 35 ޝަކުވާ އަދި ޤައުމީ ދިފާޢީ ބާރުގެ 28 ޝަކުވާއަށް ރިޔާޢަތްކޮށް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު އަލުން މުރާޖަޢާކޮށްދިނުމަށް އެމުއައްސަސާތަކުގައި އެ ކޮމިޝަންގެ ފަރާތުން އެދިފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކަށް ވަޒީފާ އަލުން އިޢާދަކޮށްދެއްވާފައިވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ، ކޮމިޝަނަށް ހުށައެޅި 812 މައްސަލއިގެ ތެރެއިން 169 ޝަކުވާއާއި ގުޅިގެން އަލުން މަޢޫލޫމާތު ހޯދުމަށް އެ ޝަކުވާ ރައްދުވާ އިދާރާތަކަށް ފޮނުވާފައިވާކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްތަކއި ވަޒީފައިން ވަކިކޮށްފައިވާ ފަރާތްތަކުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށާއި، ޝަރުޢީ ކޯޓަކަށް މައްސަލަ ހުށައަޅާއި ޝަކުވާ ހުށައެޅި ފަރާތާއި އެއްކޮޅަށް މައްސަލަ ނިމުމުންވެސް ފަހިމަގެއް ފެނިފައިނުވާތީ 47 ޝަކުވާ ކޮމިޝަނަށް ލިބިފައިވާކަމަށް ހޫދު ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށްބަލާ، ކޮމިޝަނުން ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު، ވަޒީފާ އަލުން އިއާދަކުރުމަށް ފެންނަ 104 ފަރާތެއް ހިމެނޭކަމަށްވެސް ހޫދު ވިދާޅުވިއެވެ.