ސިޔާސީ

ވޯޓާރސް ލިސްޓުގައި 266 ފަރާތުން އަދިވެސް ސޮއެ ނުކުރޭ - އީސީ


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓަރސް ލިސްޓުގައި 266 ކެނޑިޑޭޓުން އަދިވެސް ސޮއި ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލީ އިއްޔެއެވެ. އަދި މާދާމާގެ މެންދުރުފަހު 14:30ގައި އެފުރުޞަތު ބަންދުވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމަށް ހުޅުވާލުމުން މިހާތަނަށް ސޮއިކުރީ 120 ކެންޑިޑޭޓުން ކަމަށާއި 266 ކެނޑިޑޭޓުން އަދި ސޮއި ނުކުރާ ކަމަށް.
ޝަރީފް ވިދާޅުވީ ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 35 މީހުންނާއި އަމިއްލަ ގޮތުން ވާދަކުރާ 174 ކެންޑިޑޭޓުންގެ ތެރެއިން 47 މީހަކާއި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުންގެ ތެރެއިން ސޮއިކުރި 10 މީހުން ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓުގައި ސޮއިނުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، އެމްޑީޕީގެ 50 ކެނޑިޑޭޓުންނާއި އަމިއްލަ 127 ކެނޑިޑޭޓުންނާއި ޕީޕީއެމްއާއި ޕީއެންސީގެ 32 ކެނޑިޑޭޓަކާއި އަދާލަތުގެ 5 ކެނޑިޑޭޓުންގެ އިތުރުން ލޭބާ ޕާޓީއާއި އެމްޓީޑީގެ އަށެއް އަދި ޑީއާރުޕީގެ ފަސް ކެންޑިޑޭޓުން ސޮއި ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިއަށްދަނީ ބައު ޖަމާލުއްދީނުގައި ޤާއިމްކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އިންތާޚާބީ މަރުކަޒުގައެވެ.

ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއި ކުރަން ފަށާފައިވަނީ އެލިސްޓު އާންމުކުރުމަށްފަހު ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމަށްފަހުއެވެ. ފައިނަލް ވޯޓަރސް ލިސްޓް ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ ކަމަށެވެ. އަދި މުޅިން އަލަށް ދެހާސް ތިންސަތޭކަ ތިރީސް ހަ މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.