ސިޔާސީ

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޙަމީދު ޢަޔަނުކުރައްވައިފި


ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޙަމީދު ޢައްޔަނުކުރައްވާ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޙަމީދު މިހާތަނަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާއި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ޙަމީދަކީ ފުލުހުންގެ އިންޓެލިޖަންސްގެ ކުރީގެ އިސް ވެރިޔާއެވެ. ފުލުހުންގެ އިދާރާގެ ސިއްރު މަޢޫލޫމާތުތަކެއް ޢާންމުކުރިކަމގެ ތުހުމަތުގައި ސިފައިންގެ ވަޒީފާއިން ޙަމީދު 2012 ވަނަ އަހަރު ވަކިކުރުމަށްފަހު، ޙަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ޢަމުރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އަދި ޑެޕިއުޓީ ކޮމިޝަނަރގެ ރޭންކް ގައި އަލުން ފުލުހުންގެ ވަޒީފާ އޭނާއަށް ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.