ޚަބަރު

ދުވަސްވީ މީހުންގެ މަރުކަޒުތަކުގެ ޙަލަތު ބަލަން އެޗްއާރްސީއެމްއިން ނިންމައިފި


ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞާ އެހީއަށް ބޭނުންވާ ފަރާތްތަށް ބަލަހައްޓައި މަރުކަޒުތަކުގެ ޙާލަތު ބަލަން ނިންމާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމުން ނެރުނު ނޫސް ބަޔާނެއްގައިވަނީ މިފަހަކަށް އައިސް ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކުގެ ޙާލަތާއި އެމަރުކަޒުތަކުން ބަލަހައްޓާ ފަރާތްތަކަށް ހައްޤުތަށް ކަށަވަރުކޮށްދީފައި މިންވަރު ބަލަން ނިންމާފައިވާ ކަމަށެވެ.

އެޗްއާރްސީއެމުންވަނީ ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞާ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކުން އެމީހުން ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށްބުނެ އެކޮމިޝަނަށް މައްސަލަ ހުށަހަޅާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެޗްއާރްސީއެމުން ވަނީ ޢުމުރުން ދުވަސްވީ މީހުންނާއި ޙާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކުގެ ޒިންމާ ފުރިހަމައަށް އަދާކޮށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞާ އެހީއަށް ބޭނުންވާ ފަރާތްތަށް ބަލަހައްޓާ މަރުކަޒުތަކުގެ ޙާލަތުބަލަން އެޗްއާރްސީއެމުން ނިންމިއިރު، ޖެންޑަރ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުނަށް އިހްމާލުވި ކަމުގެ 31 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.