ރާއްޖޭގެ ރަށްރަށާބެހޭ ހުރިހައި މަޢުލޫމާތު އެއްތަނަކުން ލިބޭނެ ވެބްޕޯޓަލްއެއް ފުރަތަމަފަހަރަށް އިފްތިތާޙުކޮށްފިއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަދުގައި ހިމެނޭ މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިރޭ ހުޅުމާލޭ ޝުވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.
މިއީ ރަށްރަށުގެ ފަތުރުވެރިކަމާއިބެހޭ ކަންކަން ބެލެހެއްޓުމާއި ރަށުން ލިބެން ހުންނަ ހުރިހައި ޚިދުމަތަކާއި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތުގެ މަޢުލޫމާތު ލިބެންހުންނަ ޕޯޓަލެކެވެ. އަދި މިޕޯޓަލްގެ ދަށުން ކޮންމެ ރަށަކަށް ޚާއްޞަ ވެބްސައިޓެއް ހިމެނޭއިރު، އެވެބްސައިޓްގައި ހިމަނާ މަޢުލޫމާތުތައް ހިއްޞާކުރަންޖެހޭނީ ރަށު ކައުންސިލުންނެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ޕޯޓަލްގެ މަސައްކަތް ހަވާލުކުރީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީއާއެވެ. މިމަސައްކަތް ފުރިހަމަކޮށް ވެބްޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙަންމަދު މަލީހު ޖަމާލް ވިދާޅުވީ، މިކަމުގެ ސަބަބުން ރަށްތައް އިސްތިހާރުކުރުމާއި ވިޔަފާރި ކުރުމަށް އިތުރު ދޮރެއް ހުޅުވިގެންދާނެކަމަށެވެ.
މި ޕޯޓަލަކީ ހަމައެކަނި ޓޫރިޒަމަށް ޙާއްސަ ޕޯޓަލެއް ނޫންކަމަށާއި މި ޕޯޓަލުގެ އެހީގައި އެ ރަށެއްގެ ތާރީޚާއި ސަޤާފަތާއި އެހެނިހެން މުހިންމު މަޢުލޫމާތު އެތައް ޖީލުތަކަކަށް ފޯރު ކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކައުންސިލްތަކާއި މި ވެބްޕޯޓަލް ހިންގުން ޙަވާލުވެގެންދާއިރު މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައްވެސް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީން ދޭނެކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.