ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޖަލުތަކައާއި ރިސޯރޓްތަކާއި ސިނާއީ ސަރަޙައްދުތަކުގައި އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަ ނެގުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.
އީސީން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ރިސޯރޓްތަކާއި ޖަލުތަކާއި ސިނާއީ ސަރަޙައްދުތަކުގައި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އޮބްޒާވް ކުރުމަށާއި މޮނީޓަރ ކުރުމަށް ހުއްދަ ނަގައިގެން ކަމަށެވެ. އެގޮތުން އެކަމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް މިމަހު 31ގެ ކުރިން ހުށަހަޅަން އީސީން ވަނީ އަންގަވާފައެވެ.
އީސީން ވިދާޅުވީ އެތަންތަން އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމަށްއެދި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން އެ މަޢުލޫމާތު ހިމެނޭ ސިޓީ ނުފޮނުވައިފިނަމަ އިންތިޚާބް އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމަށް ހަރަކާތްތެރިނުވެވޭނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހު ވަނީ ސިޔާސީ ޕާޓީތަކާއި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކާއި އަމިއްލަ ގޮތުން އިންތިޚާބް އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރަން އެދޭ ފަރާތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކާއި މީޑިއާތަކަށް އިންތިޚާބު އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި 39 ރިސޯޓާއި ރާއްޖެއިން ބޭރުގެ 7 ޤައުމެއް ހިމެނޭ ގޮތަށް 501 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެެވެ. އަދި މިއިންތިޚަބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.