ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޤާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ރައީސް ޞާލިޙް އައްޔަނު ކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ، ގެލަ އާމިނަތު ޢަބްދުﷲ ޒުހައިރާއި، ފާދިއްޕޮޅު ހިންނަވަރު، ހިޔާވަހި ފާޠިމަތު މަހީރާ މުޙައްމަދު އަދި ގަލޮޅު އޮށްޓަރު އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރުއެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ފާޠިމަތު މަހީރާ މުޙައްމަދަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ލޯސް އެލް.އެލް.ބީ. ލޯ، ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވައި، ޤާނޫނީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ. އަދި އާމިނަތު ޢަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯސް އެލް.އެލް.އެމް. އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމަށް އައްޔަނު ކުރައްވާފައެވެ.
މީގެ އިތުރުން ޢަބްދުﷲ މިފްރާޒް ނިޒާރަކީ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ އިން މާސްޓަރ އިން ބިޒްނެސް ލޯ ވިތް އެމްޕްލޯއިމެންޓް އެންޑް ހިއުމަން ރިސޯސަސް ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރު މީގެ ކުރިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމާއި، ސުޕްރީމް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ޤާނޫނީ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ޢައްޔަން ކުރެއްވި ތިން ބޭފުޅުންނަށް އެކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަދި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމްގެ ކުރިފުޅުމަތީގައި، އެބޭފުޅުން ވަނީ ހުވައި ކުރައްވާފައެވެ.