ޚަބަރު

ޔޫ.އޭ.އީގެ އައު ސަފީރުގެ ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި


ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑރ.ސަޢީދު މުޙައްމަދު ޢަލީ އަލްޝަމްސީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ޔޫއޭއީގެ ސަފީރު ދެއްކެވި ވާހަކަ ފުޅުގައި ވަނީ ޔޫއޭއީން ރާއްޖެއާއެކު ވިޔަފާރިއާއި، ވައިގެ އުދުހުންތަކުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ސިނާއަތުން އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގުވެރިވާކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖޭގައި ޔުނައިޓެޑް އަރަބް އެމިރެޓްސްގެ އެމްބަސީއެއް ހުޅުއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ޔޫއޭއީގެ ސަފީރުވަނީ މި އެމްބަސީ ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމުގެ މައްސަލައިގައި ދިވެހި ސަރުކާރާ އަދި ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ފަރާތުން އަލަށް ރާއްޖޭގައި ހުޅުވާ އެމްބަސީގައި ހުންނަވާ ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޔޫއޭއީގެ ސަފީރު ވަނީ، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.