ސިޔާސީ

މުޣުނީގެ މައްޗަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހަޅާފައެއް ނުވޭ - ފުލުހުން


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގދ.ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޢަބްދުލްމުޣުނީއަށް ގެވެށިއަނިޔާގެ މައްސަލައެއްގެ ތުހުމަތުކޮށް ބައެއް ފަރާތްތަކުން ވާހަކަދެއްކިނަމަވެސް ފުލުހުންނަށް އެފަދަ އެއްވެސް މައްސަލައެއް އޭނާއާމެދު ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމާގުޅިގެން އެމްޑީޕީންވަނީ އޭނާއަށްކުރި ތާއީދު އަނބުރާ ގެންގޮސްފައެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު އެޕާޓީގެ ޓިކެޓުގައި މަޖިލީސް އިންތިޚާބަށް ވާދަކުރާތީ ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގެ ސަބަބުން އިންތިޚާބީ ހައްގަށް އުނިކަން އަންނާތީ އެކަން އޮޅުން ފިލުވުމަށް މުޣުނީގެ ފަރާތުން ހުށަހެޅި ސިޓީގެ ޖަވާބުގައި ފުލުހުން ވިދާޅުވެފައިވަނީ ގެވެށިއަނިޔާގެ އެއްވެސް މައްސަލައެއް މުޣުނީއާ ދެކޮޅަށް އެއިދާރާއަށް ހުށަހަޅާފައިވާކަމަށް ރެކޯޑުތަކުން ނުދައްކާކަމަށެވެ.

މި މައްސަލާގައި އެމްޑީޕީން ވިދާޅުވީ މުޣުނީއާގުޅޭ ގެވެށިއަނިޔާގެ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން ވިދާޅުވިނަމަވެސް އެ ޕާޓީގެ ނިންމުން އޮތީ ކުރިންވެސް އޮތް ގޮތަށްކަމަށެވެ. އަދި މުޣުނީގެ މައްސަލައިގާ އިތުރު ބަދަލެއް ގެންނަން އެމްޑީޕީން މިހާތަނަށް ނިންމާފައި ނުވާކަމަށް އެޕާޓީން ބުނެއެވެ.

މުޣުނީއަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންދިޔަ ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ކެނޑިޑެސީ އަނބުރާ ނުގެންދާނެކަމަށާ ތިނަދޫ އުތުރުދާއިރާގެ ގިނަރައްޔިތުން ތިބީ އޭނާއާއެކުކަމަށެވެ. އަދި އޭނާއާމެދު ޕާޓީން ފިޔަވަޅު އަޅާފައިވަނީ އެކަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށްވެސް މުޣުނީ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް މުޣްނީގެ އިތުރުން ވާދަކުރަނީ މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވާ ސަޢުދުއްﷲ ހިލްމީ އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އިކްލީލް އާދަމެވެ.