މިއަދު އިފްތިތާޙްކުރި ސެންޓަރ ފޯރ މެންޓަލް ހެލްތު ސެންޓަރުގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނެޓަރުން ބޭތިއްބުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސެންޓަރ ފޯރ މެންޓަލް ހެލްތު ސެންޓަރު އައި.ޖީ.އެމް.އެޗްގައި ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިފަދަ ސެންޓަރެއް ހުޅުވީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޤައުމީ ފެންވަރެއްގައި ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާލިބޭނެ އިންތިޒާމެއް ހަމަޖެއްސުމައްކަމަށެވެ.
ރާއްޖޭގައި ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންނަށް ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިބަލި ތަހައްމަލްކުރާ ފަރާތްތަކަށް އެކަށީގެންވާ ބޭސް ނުލިބުމާއި، އެފަރާތްތަކަށް ފަރުވާދޭނެ އެކަށީގެންވާ މަރުކަޒެއްވެސް ރާއްޖޭގައި ނެތްކަމަށެވެ.
ނަމަވެސް މި ހުޅުވިގެންދިޔަ ސެންޓަރުގެ ސަބަބުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ބޭސް ލިބުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސެންޓަރ ފޯރ މެންޓަލް ހެލްތު ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ފަންނީ ޤާބިލުމީހުން އެސެންޓަރުން ޚިދުމަތްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިމަރުކަޒުގައި އައުޓް ޕޭޝަންޓް، އިން ޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން މަލްޓި ޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުމަށް މަސައްކަތްކުރާނެ. އަދި ސަރަހައްދީ ހޮސްޕިޓަލްތަކާއި ގުޅިގެން ސްޕެޝަލިސްޓް ޚިދުމަތްވެސް ފޯރުކޮށްދެވޭނެ. އޭގެ އިތުރުން އަތޮޅު އަދި ރަށު ފެންވަރުގައި މިސެންޓަރުގެ ޚިދުމަތް ލިބޭނެގޮތަށް ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތުކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ސަރުކާރުން މިހާރުވަނީ ނިންމާފަ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި މަރުކަޒު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ކައުންސިލިންގެ ޚިދުމަތްވެސް މި މަރުކަޒުން ދިނުމަށް ނިންމާފައިވާއިރު މި މަރުކަޒުގެ ދެވަނަ ފިޔަވައްސެއް ވެސް އޮތް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.