ޚަބަރު

އަޒަރްބައިޖާންގައި ކުރިއްދާ ޓޫރިޒަމް ފެއަރ ގައި ރާއްޖެ


އަޒަރްބައިޖާން އިންޓަރނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަންގައި މޯލްޑިވްސް މަރކެޓިންގް އެންޑް ޕީއާރު ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ފަރާތަކުން ބައިވެރިވެއްޖެއެވެ.މިއަދު އަޒަރުބައިޖާންގެ ބަކޫ އެކްސްޕޯ ސެންޓަރގައި ފެށި މި އެގްޒިބިޝަންގައި ރާއްޖެ ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. އަދި ރާއްޖެ މި އެގްޒިބިޝަންގައި ބައިވެރިވިކަން ބަލައިގަނެ އަޒަރުބައިޖާންގެ ޓޫރިޒަމް މިނިސްޓަރ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވާ ރާއްޖޭގެ ވަފްދުގެ ބޭފުޅުންނާއި ވަނީ ބައްދަލްކުރައްވާފައެވެ.އެމްއެމްޕީއާރުސީއިން މައުލޫމާތުދެއްވާގޮތުގައި މި އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވުމުން އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ އިރުމަތީ ޔޫރަޕަށް ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެއެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދެހާސްތޭރަވަނަ އަހަރާއި އަޅާ ބަލާއިރު ދެހާސް ސާދަވަނަ އަހަރު އިރުމަތީ ޔޫރަޕްގެ ގައުމްތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ އަށެއް ޕޮއިންޓް ތިނެއް އިންސައްތަ ދަށްވެފައެވެ. އެގޮތުން ދެހާސް ސާދަވަނަ އަހަރު ނިމިގެން ދިޔައިރު އެ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ސަތޭކަ ނުވަ ހާސް ހަސަތޭކަ ތިރީސްއަށް ފަތުރުވެރިންނެވެ.