ސިޔާސީ

ލާއިންސާނީ އަނިޔާތަކާ ދެކޮޅު ގަރާރުތައް ރާއްޖެއިން ކޯ - ސްޕޮންސާކޮށްފި


ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ލާއިންސާނީ އަނިޔާތައް ލިބޭ މުސްލިމުން ޙިމާޔަތްކުރުމަށް ގޮވާލައި އދ.ގެ އިންސާނީ ހައްޤަތަކާބެހޭ ކައުންސިލަށް ހުށަހެޅި ބައެއް ގަރާރުތައް ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި ނިމިގެންދިޔަ އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ރެގިއުލަރ ސެޝަންތަކަށް ހުށަހެޅި ގަރާރުތަކުގެ ތެރެއިން އެންމެ އިސްކަމެއްދިން ގަރާރުތައް ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ވަނީ ފަލަސްތީނާއި ސީރިޔާ އަދި މިޔަންމާގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ ގަރާތުތަށް ކޯ-ސްޕޮންސާކޮށްފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ޤަރާރާއި އިންސާނީ ހައްޤުތަކާގުޅޭ ގަރާރުތައް ވެސް ރާއްޖެއިން ވަނީ ކޯ-ސްޕޮންސާ ކޮށްފައެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ބައްދަލުވުންތަކުގައި ޖުމްލަ 21 ސްޓޭޓްމެންޓެއް ރާއްޖެއިންވަނީ ހުށަހަޅާފައެވެ. އެގޮތުން އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގައި މެމްބަރުކަން ކުރުމުގެ ފުރުޞަތު ކުދި ޤައުމުތަކަށް ދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ސެޝަންތަކުގައި ހައިލެވެލް ސެގްމެންޓްތައް ވަނީ ހުށަހަޅާފައެވެ. އެގޮތުން ފެބްރުއަރީ ފަންސަވީހުން ހަތާވީހަށް ކުރިއަށް ދިޔަ ސެގްމެންޓްގައި ރާއްޖޭގެ ވަފުދުގެ ވެރިއަކަށް ފޮރިން މިނިސްޓަރު ޝާހިދު ހުންނެވިއިރު، އޭގެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ޑރ.ޙާލާ ޙަމީދާއި، ޖެނީވާ މިޝަންގެ ޑެޕިއުޓީ ޕާރަމަނަންޓް ރެޕްރެސެންޓޭޓިވް ހައުލާ އަޙްމަދު ދީދީ އާއި، ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ އަލިމަނިކާއި ޖެނީވާ މިޝަންގެ ފަސްޓް ސެކްރެޓަރީ އާއިޝަތު ޝަހުލާއެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލަކީ 47 މެމްބަރުން ހިމެނޭ ގޮތަށް ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުވުމަށް އަދި އެކަމާގުޅޭ އެންމެ އިސް މަޝްވަރާތައް ކުރުމަށް އުފައްދާފައިވާ މަޖިލީހެކެވެ.