ސިޔާސީ

ސިޓީ ކައުންސިލް މެންބަރުންގެ މުސާާރަ ބޮޑު ކުރުމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާގައި


ކައުންސިލް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރުމާމެދު މާލިއްޔަތު ކޮމިޓީގެ ނިންމެވުން ގޮތެއް ނިންމުމަށް އަންނަ ބުދަދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ އިޙްތިޔާރުން ސިޓީ ކައުންސިލްތަކަށް ބާރުތައް ދެއްވުމާއި ގުޅިގެން މެންބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް މާލިއްޔަތު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ބުދަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ސިޓީ ކައުންސިލްގެ މުސާރަ މުރާޖައާކޮށް ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތް ބޮޑު ކުރުމަށް ނިންމާފައެވެ. އެގޮތުން މޭޔަރަށް މުސާރަޔާއި ލިވިންގ އެލަވަންސްގެ ގޮތުގައި ސާޅީސް ހާސް ރުފިޔާ، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ތިރީސް ފަސް ހާސް ރުފިޔާ އަދި ލިވިންގ އެލަވަންސާއެކު މެމްބަރުންގެ މުސާރަ ތިރީސް ހާހަށް ބޮޑު ކުރުމަށްވެސް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އަލުން ބޮޑުކުރަން ނިންމިއިރު އެފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ދަށްކޮށްފައިވަނީ ވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީންނެވެ. އެގޮތުން ސިޓީ ކައުންސިލް މެމްބަރުންނަށް ދެމުންދިޔަ މުސާރައާއި އިނާޔަތުން ފަންސާސް އިންސައްތަ ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމެވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

ދެހާސް ފަނަރަވަނަ އަހަރު އެގޮތަށް ނިންމުމުން ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައާއި ލިވިންގ އެލަވަންސްގެ ގޮތުގައި އަށާރަ ހާސް، ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއެކު ފަނަރަ ހާސް ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް ލިވިންގ އެލަވަންސާއެކު ލިބެނީ އެގާރަ ހާސް ފައްސަތޭކަ ރުފިޔާއެވެ.

ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔާތް ބޮޑުކުރުމުގެ މައްސަލަ ތާވަލްކޮށްފައިވާއިރު މަޖިލީހުގެ އެންމެފަހު ޖަލްސާގައި ރިޔާސަތުން ވަނީ ދެން ޖަލްސާއެއް އެޖެންޑާ ކުރެވޭނީ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަށް ބޭނުންވާ މުހިންމު ދެ ބިލެއް އަދިވެސް އޮތީ ކޮމިޓީ މަރްހަލާގައެވެ. އެގޮތުން ގާނޫނީ ޚިދުމަތުގެ ބިލް ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ބިލުގެ ސުންގަނޑިވެސް މިހާރު ވަނީ ހަމަވެފައެވެ.