ސިޔާސީ

ވޯޓާރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރަން ފަށައިފި


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިއަށްދަނީ ބައު ޖަމާލުއްދީނުގައި ޤާއިމްކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އިންތާޚާބީ މަރުކަޒުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓަރސް ލިސްޓުގައި ސޮއިކުރުން މިއަދާއި މާދާމާ ހެނދުނު 08:30 އިން ފެށިގެން ރޭގަނޑު 22:30 އަށް އަދި އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށް ކުރިއަށްދާނެ ކަމަށެވެ.
ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއި ކުރަން ފަށާފައިވަނީ އެލިސްޓު އާންމުކުރުމަށްފަހު ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމަށްފަހުއެވެ.

ވޯޓަރސް ލިސްޓް ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ ކަމަށެވެ. އަދި މުޅިން އަލަށް ދެހާސް ތިންސަތޭކަ ތިރީސް ހަ މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.