ޚަބަރު

ނައިބް ރައީސް ސިންގަޕޫރުގެ ސަފީރާ ބައްދަލުކުރައްވައިފި


ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ތިއާން ޕޯއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ފައިޞަލް ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުޚާބާ ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމާއި ރީހެބިލިޓޭޝަނާއި، ޞިއްޙީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.