ޚަބަރު

ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޝާފިޢު ނިޔާވެއްޖެ


ރާއްޖެ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްދަމު ޝާފިޢު ނިޔާވެއްޖެއެވެ.

ޝާފިޢު ނިޔާވީ މިއަދު ހެންދުނުގެ ވަގުތެއްގައެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ދިވެހި ވޮލީބޯޅާގައި ނަން ވިދާލި މުޙައްމަދު ޝާފިޢު ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްކުޅެ ގިނަ ކާމިޔާބީތަކެއްވެސް ހޯދަފައެވެ. އޭގެ ފަހުން ރާއްޖޭގެ ވެޓެރެންސް ޓީމުންވެސް ޝާފިޢު ވަނީ ފެނިގެން ގޮސްފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑޮވްސްއިން ވަނީ ޝާފިޢުގެ ކުއްލި މަރާއި ގުޅިގެން ތައުޒިޔާ ދަންނަވާފައެވެ. އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝާފިޢުއަކީ ދިވެހި ވޮލީބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮއްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ޝާފިޢު ވަކިވެގެންދިއުމަކީ ވޮލީބޯޅަ އާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ވޮލީބޯޅަ އާއިލާގެ ނަމުގައި، މަރްހޫމް މުޙައްމަދު ޝާފިއުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި މަރްހޫމް ޝާފިޢުގެ އާއިލާއާއި އެކުގައި ތިބިކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މަރްހޫމް މުޙައްމަދު ޝާފިޢުގެ މައްޗަށް ކުރެވޭ ކަޝުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.