ޚަބަރު

ގްރޭޓަރ މާލެ ޕަވަރ ޕްރޮޖެކްޓްގެ ފުރަތަމަ ދިރާސާ ނިމުމަކާ ގާތްވެފަ


ގްރޭޓަރ މާލެ ޕަވަރ ޕްރޮޖެކްޓް ގާއިމްކުރުމުގެ ކުރިން ކުރަންޖެހޭ ފުރަތަމަ ދިރާސާ ނިމުމަކާ ގާތްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހު މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މިމަޝްރޫއުގެ ފުރަތަމަ ދިރާސާގެ މަސައްކަތް ވަރަށް އަވަހަށް ނިމި ފީސިބިލިޓީގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންއަންނަކަމަށެވެ.މިމަޝްރޫއަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެއީ ކުރިއަށް އޮތް ސާޅީސް ނުވަތަ ފަންސާ އަހަރު ހަކަތައިގެ ދާއިރާ ފުޅާކޮށް، މާލެ ހިމެނޭ ހަތްރަށް ސަބްމެރިން ކޭބަލަކުން ގުޅާލުމަށް ކުރާ މަސައްކަތެއްކަމަށެވެ.ރާއްޖޭގެ ރަށްތައް ސަބްމެރިން ކޭބަލް މެދުވެރިކޮށް ގުޅާލައިގެން ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އިއުލާންކުރައްވާފައިވަނީ މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓަރސް ފޯރަމްގައެވެ.