ސިއްހަތު

އެންމެން ގުޅިގެން ރާއްޖެއިން ޓީބީ ނައްތާލެވިދާނެ- ސްޓޭޓް މިނިސްޓަރ ޒުހައިރު


އުންމީދަކީ އަވަސް މުސްތަޤުބަލެއްގައި ރާއްޖެއިން ޓީބީ ބަލި ނައްތާލާ، ރާއްޖެއަކީ ޓީބީ ނެތްތަނަކަށް ހެދުން ކަމަށް މިިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް މުހަންމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓީބީ ބަލީގެ ދުވަހާއި ގުޅުވައިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓީބީ ބަލި ފެތުރުން އިތުރު ވެފައިވާކަން ރެކޯޑް ތަކުން ދައްކާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ރާއްޖޭން މެލޭރިއާ އާއި ފައިލޭރިއާފަދަ ބަލިތައް ނައްތާލެވިފައިވާކަން އެއީ ފާހަގަ ކުރެވޭވަރުގެ ބޮޑެތި ކާމިޔާބީތައް ކަމަށާ އެހެންކަމުން 2022 އަންނަން ވާއިރަށް ރާއްޖޭން ޓީބީ ބަލި ނައްތާލުމަށް ކުރާ މަސައްކަތްވެސް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

ޓީބީ ބައްޔާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ހދ.އަތޮޅު ހޮސްޕިޓަލާއި ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރަލް ހޮސްޕިޓަލުގައި ކުރިއަށްދާ ޓީބީ ސްކްރީނިން ޕްރޮގްރާމް ކުރިއަށްދާގޮތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ބަލާފައެވެ.

ސްޓޭޓް މިނިސްޓަރ ޒުހައިރު ވިދާޅުވީ މިއީ ނުރައްކާތެރި ބައްޔެއް ކަމަށާއި މި ބަލި އެއްކޮން ނައްތާލުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ސިއްޙީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން އާންމުންނާއި ބަލި މީހުންނަށްވެ ލިބޭނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 24ވަނަ ދުވަސް ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓީބީ ނައްތާލުމަށް އިސްނަގައިގެން ކުރެވެން ހުރި ކަންތައްތައް ކުރުމުގެ ވަގުތު ޖެހިއްޖެ" މި ޝިއާރެެވެ.