ޚަބަރު

މަކުނުދޫއާއި ނޮޅިވަރަންފަރުން ޕޮލިސް ރިޕޯޓް ދޫކުރަނީ


ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނާއި ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފިއެވެ.ފުލުހުންގެ ޚިދުމަތަށް 82 އަހަރުގެ ފުރުމުގެ މުނާސަބާތާ ގުޅުވައިގެން މި ޚިދުމަތް މަކުނުދޫ އަދި ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުގައި ފަށާފައިވަނީ ވަކިވަކިން އެ ދެ ޕޮލިސް ސްޓޭޝަނުގައި  ބޭއްވި ރަސްމިއްޔާތެއްގައެވެ.ހދ. މަކުނުދޫ އަދި ނޮޅިވަރަންފަރު ކައުންސިލްގެ އެހީތެރިކަމާއެކު އެ ދެރަށުގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވާއިރު މި ޚިދުމަތަކީ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބިދެވޭ ޚިދުމަތެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މީއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މަކުނުދޫ އަދި ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ރިޕޯޓް ދޫކުރަން ފެށުމާއެކު ހދ. އަތޮޅުގައި ޕޮލިސް ސްޓޭޝަން ޤާއިމްކޮށްފައިވާ ހުރިހާ ރަށެއްގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަމުންދާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.