ޚަބަރު

އެޗްއާރު މޯލްޑިވްސް އިން އިންތިޒާމު ކުރާ އެޗްއާރު ސަމިޓް މިފަހަރު އައްޑޫގައި


އެޗްއާރު މޯލްޑިވްސް އިން އިންތިޒާމު ކޮއްގެން ބާއްވާ ' އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ ' އަންނަ މަހު އައްޑޫސިޓީ ގައި ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 27ވަނަ ދުވަހު އައްޑޫސިޓީ ގަމުގައި ހުންނަ އިކުއޭޓަރ ވިލެޖުގައެވެ. މިއަހަރުގެ ސަމިޓް ފެށުމުގެ ކުރީން ސަމިޓާއި ގުޅުވައިގެން އެޗްއާރު އެވޯޑް ނައިޓް އަދި ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ކެރިއާގައިޑެންސް ސެޝަން އޮންނަނީ 26ވަނަ ދުވަހު ގްރޭޑް 10އަކުން މަތީގެ ދަރިވަރުންނަށެވެ. އަދި ހަމަ އެރޭ އީކުއޭޓަރ ވިލެޖުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެވޯޑް ނައިޓުގައި، ރާއްޖޭގެ އެޗްއާރު ދާއިރާގެ އެންމެ ހުނަރުވެރި 50 އެޗްއާރު ލީޑަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ސަމިޓް އައްޑޫސިޓީގައި ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްއާރު މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހިމް ވިދާޅުވީ، އެޗްއާރު ސަމިޓަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިވެންޓެއް ކަމަށާއި މިދިޔަ އަހަރު މާލޭގައި ބޭއްވުމަށް ފަހު އެޗްއާރް މޯލްޑިވްސްއިން ނިންމާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެކި އަހަރު އެޗްއާރް ސަމިޓު ބޭއްވުމަށް ކަމަށެވެ.

އެގޮތުން އައްޑޫސިޓީ އަކީ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، އެޗްއާރް ދާއިރާގައި އައްޑޫ އަށް ނިސްބަތްވާ ގިނަ މީހުން ތިބެމެ އެފަދަ ސަމިޓެއް އައްޑޫގައި ބޭއްވުމުން ދާއިރާގެ ތަރައްޤީއަށް ލިބިގެންދާ ފުރުސަތު އިތުރުވެގެންދާ ކަމަށެވެ.

އެޕްރީލް މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މިސަމިޓަށް ރެޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ މިސަމިޓް ކުރިއަށް ގެންދާ ދެވަނަ އަހަރެވެ. މިއަހަރު ސަމިޓްގެ ޝިއާރަކީ "އެޗްއާރު އޮޓޮމޭޝަން - ދަ ފިއުޗަރ އޮފް ޕީޕަލް މެނޭޖްމެންޓް" އެވެ.