ވިޔަފާރި

އައްޑޫގައި 24ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެއްވެސް ފަރާތަކުން އަދި ހުށަނާޅާ - އައްޑޫ ސިޓީ ކައުންސިލް


އައްޑޫ ސިޓީގައި ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން އަދި ޝަޢުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އައްޑޫގައި 24ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީން އެކަމާއި ގުޅޭގޮތުން ނެރެފައިވާ ސަރކިއުލާގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެކައުންސިލުން ވިދާޅުވީ ސައިހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭ އަދި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން އެޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުން އެދޭ ކަމަށެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރެވޭގޮތަށް ހުރި ތަނަކަށްވުމާއި، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، ހުއްދަ ދޫކުރެވޭ ތަނަކީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ކަނޑައަޅާނީ ސިޓީ ކައުންސިލުން ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން /-2000 ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭއިރު، ހުއްދަ ދެވޭ މުއްދަތަކީ، އެހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ދެ އަހަރު ދުވަސް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.