ވިޔަފާރި

ރ އަތޮޅު މާމުނަގައު ރިސޯޓު އަންނަ ސެޕްޓެމްބަރު މަހު ހުޅުވަނީ!


އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް އައިއެޗްޖީން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓު 'އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު' އަންނަ ސެޕްޓެމްބަރު މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ރ. އަތޮޅުގައި ތަރައްޤީކުރަމުން އަންނަ މި ރިސޯޓަކީ 83 ވިލާއާއެކު ތަރައްޤީކުރާ ރިސޯޓެކެވެ. މި ރިސޯޓު ތަރައްޤީކުރުމަށް ހޮޓެލް ޕްރޮޕަރޓީ ލިމިޓެޑާއިއެކު އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕްއިން ސޮއިކުރީ 2016 ވަނަ އަހަރުއެވެ. 3 އަހަރަށް ފަހު ރިސޯޓުގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިފައިވާއިރު، މި ރިސޯޓު ވެގެންދާނީ ރ އަތޮޅުގައި ފާހަގަކޮށްލެވޭ ފެންވަރު ރަނގަޅު ރިސޯޓަކަށް ކަމަށް ރިސޯޓު ހިންގާ ފަރާތުން ބުނެއެވެ.

ޕިއެސްއެމްނިއުސްއަށް މަޢުލޫމާތު ދެމުން މާމުނަގައު ރިސޯޓުގެ ޖެނަރަލް މެނޭޖަރ ސްޓީފެން. އޯ. ހިއުމަރ ވިދާޅުވީ އިންޓަރކޮންޓިނެންޓަލް ހޮޓެލް ގްރޫޕްގް އަމާޒަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި ކުރިއަރާފައިވާ ހޮޓެލް ވިޔަފާރިކުރާ ފަރާތަށް ވުންކަމަށެވެ. އަދި ރާއްޖޭގައި ހުޅުވާ މާމުނަގައު ރިސޯޓަކީ މިކަމަށް މުހިއްމު ދައުރެއް އަދާކުރާ ރިސޯޓަކަށް ވާނެކަމަށް ސްޓީފެން ވިދާޅުވިއެވެ.

އިންޓަރކޮންޓިނެންޓަލް ބްރޭންޑުން މާމުނަގައު ރިސޯޓު ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު މި ރިސޯޓަށް ބޭނުންވާ ސްޓާފުން ނެގުމަށްޓަކައި ދާދި ފަހުން އެރިސޯޓުން ވަނީ އޯޕަން ޑޭއެއް ބާއްވާފައެވެ. އެގޮތުން މި އޯޕެން ޑޭ މެދުވެރިކޮށް ރިސޯޓަށް ދުއިސައްތައަށް ވުރެ ގިނަ ސްޓާފުން ނެގުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މާމުނަގައު ރިސޯޓަކީ އައިއެޗްޖީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓް ކަމުގައި ވީނަމަވެސް، މި ގްރުޕުން ދަނީ ސިކްސް ސެންސަސް ލާމު އަދި ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް ވެސް ހިންގަމުންނެވެ.

އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް، އައިއެޗްޖީއަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ލަގްޒަރީ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ ފެންވަރުގެ ހޮޓެލް ޗެއިނެކެވެ. މި ބްރޭންޑުގެ ދަށުން މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި 5000 އަށް ވުރެ ގިނަ ލަގްޒަރީ ހޮޓާތަކާއި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ.