އާބާދީ ބޮޑެތި ރަށްތަކުގައި ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ފަރާތުން ދިއްދޫއަށް ހަދިޔާކުރެެއްވި އަލިފާން ނިވާ ޕަމްޕް ސްޓޭޝަން އެރަށުގެ ކައުންސިލާ ޙަވާލުކުރުމަށްޓަކައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ޢަބްދުﷲ ޝަމާލް ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށުގެ ސަލާމަތީ ކަންކަން އަދި ވަކިން ހާއްސަކޮށް އަލިފާން ނިއްވުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރަން ޖެހޭ ކަމަށާއި އެތޮގުން މާލެ ފަދަ އުސް ޢިމާރާތް ހުންނަ ތަނެއްގައިވެސް އެންމެ ބޮޑު ގޮންޖެހުމަކީ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ރައްކާތެރިވުން ކަމަށްވެސް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރަށްތަކުގައި ހިނގާފާނެ ކާރިސާތަކުން ރައްކާތެރިކުރުމަށް އެމްއެންޑީއެފްއިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަލިފާން ނިއްވާނެ ޢާލާތްތައް އެކި ރަށްރަށުގެ ކައުންސިލްތަކާ އަންނަނީ ޙަވާލުކުރެވެމުންނެވެ.
އެގޮތުން އިއްޔެގެ ވަގުތެއްގައި ހއ އިހަވަންދޫގެ ކައުންސިލަށްވެސް ވަނީ އަލިފާން ނިއްވާ ޕަމްޕު ސްޓޭޝަނެއް ޙަވާލުކުރެވިފައެވެ. ޗީފް އޮފް ޑިފެންސް ވިދާޅުވީ 11 ފަޔަރ ސްޓޭޝަނަކަށާއި އަލަށް އުފެއްދި 3 ފަޔަރ ސްޓޭޝަނަކަށް ބޭރުގެ އެހީގައި ލިބިފައިވާ ފަޔަރ ވެހިކަލްތައްވެސް ހަދިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.