ސިޔާސީ

އޯއައިސީގެ ބައްދަލުވުމަށްފަހު، ސްޓޭޓް މިނިސްޓަރ ޚަލީލް ރާއްޖެ ވަޑައިގެންފި


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީން ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާރޒް އަޙްމަދު ޚަލީލް މާލެ ވަޑައިގަންނަވައިފިއެވެ.

ތުރުކީގެ އިސްތަންބޫލުގައި ކުރިއަށްދިޔަ އޯއައިސީގެ ބައްދަލުވުމަށްފަހު ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލް މާލެ ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ ނިއުޒީލެންޑުގެ ކްރައިސްޗަރޗް ސިޓީގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅޭގޮތުންނެވެ.

ނިއުޒީލެންޑުގެ ކްރައިސްޗަރޗްގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ފަންސާހަށްވުރެ ގިނަ މުސްލިމުން ނިޔާވެފައިވާއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އަދި ގިނަ ބަޔަކު ޒަޚަމްވެ ބައެއް މީހުންނަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައިވެއެވެ.

ކްރައިސްޗަރޗްގެ ދެ މިސްކިތަށް ޙަމަލާތައް ދީފައިވަނީ ބްރެންޓަން ޓެރަންޓް ކިޔާ 28 އަހަރުގެ އޮސްޓްރޭލިޔާ މީހެކެވެ. އެ ހަމަލާތަކާއި ގުޅިގެން އޮސްޓްރޭލިޔާގެ ފުލުހުން ވަނީ ޓެރަންޓާއެކު އިތުރު ތިން މީހަކުވެސް ހައްޔަރުކޮށްފައެވެ.