ސިޔާސީ

ވެރިކަމުގައި ކިތަންމެ ދުވަހަކު ދެމިތިބިނަމަވެސް މި ސަރުކާރުން ވައްކަމެއް ނުކުރާނެ- ރައީސް


މި ސަރުކާރު ކިތަންމެ ދުވަހަކު ވެރިކަމުގައި ދެމިތިބިނަމަވެސް ވައްކަން ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބަށް އަމާޒުކޮށް އެމްޑީޕީން ރ.އަތޮޅު އަލިފުށީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރު އައީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ. އަދި ސަރުކާރުން ކަމެއް ނުކޮށްދޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނީ ވައްކަން ނުކުރާތީ ކަމަށާއި އެކަން ދުވަހަކުވެސް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ވައްކަމެއް ނުކުރާނަން. ކިތަންމެ ދުވަހަކު ވެރިކަމުގައި ހުންނަން ޖެހުނު ނަމަވެސް އެއީ ހަމަ ގައިމުވެސް އަޅުގަނޑުމެން ނުކުރާނެ ކަމެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ދިވެހި ރައްޔިތުން ތިބީ އަސާސީ ހައްޤުތަކުން މަހުރޫމްވެފައި ކަމަށާ، ޤައުމުގެ މިނިވަންކަން ގެއްލި ކޮރަޕްޝަނާއި ވައްކަން އާންމުވެފައި ކަމަށެވެ. އެހެންކަމުން ރައްޔިތުން މި ސަރުކާރު ގެނައީ އެ ހާލަތު ބަދަލު ކުރުމަށް ކަމަށާއި އޭގެ ނަތީޖާމިހާރު ރައްޔިތުންނަށް ފެންނަމުންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ކަންކަން ކޮށްދޭނީ ވަކި ފަރުދަކަށް ވަކި ރަށަކަށް ބަލައިގެން ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރުން ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައްވެސް ސަރުކާރުން ފުއްދަވާނެކަމަށެވެ.