ޚަބަރު

ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި


ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެ ޤައުމަށް ދެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވާދެއްވާފައިވަކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދާ ދިވެހިންނަށް އެ ޤައުމުގައި ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިން އާންމުކޮށް ދަތުރުކުރާ ޤައުމުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތައިލެންޑުގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.