ޚަބަރު

ރައީސް ޞާލިޙް އަލިފުށީ ސްކޫލުގެ މަލްޓި ޕާރޕަސް ހޯލުގެ ބިންގާ އަޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އަލިފުށީ ސްކޫލުގެ މަލްޓި ޕާރޕަސް ހޯލުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

އަލިފުށީ ސްކޫލުގައި ޤާއިމުކުރާ މަލްޓި ޕަރޕަސް ހޯލުގެ ބިންގާ އެޅުމަށް މިއަދު ހެނދުނު އެރަށު ސްކޫލުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި މަލްޓި ޕާރޕަސް ހޯލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޞާލިޙާއި އަލިފުށީ ސްކޫލްގެ ޕްރިންސިޕަލެވެ.

މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ރައީސް އަލީ ޝާހިދާއި އަލިފުށީ ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ޞާލިޙް ވަނީ އެ ސްކޫލް ބައްލަވާލައްވައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ސަރުކާރުގެ ބަޖެޓުން އެއްމިލިއަން ރުފިޔާ ހޭދަކޮށްގެން ޤާއިމްކުރާ އަލިފުށީ ސްކޫލުގެ މަލްޓި ޕާރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް އަލިފުށީ ކައުންސިލުން ވިދާޅުވެއެވެ.