ޚަބަރު

ފެން އިސްރާފުކުރުން ދިވެހިންގެ ތެރޭގައި އާންމުވެފައިވަނީ ފެނުގެ މުހިންމުކަން އިހުސާސް ނުކުރެވޭތީ- މިނިސްޓަރ


ދިވެހިންގެ ތެރޭގައި ފެން އިސްރާފުކުރުން އާންމުވެފައިވަނީ ދަތިކަމެއްނެތި އަބަދުވެސް ފެން ލިބެމުންދާތީ ދިވެހިންނަށް ފެނުގެ މުހިންމުކަން އިހުސާސް ނުކުރެވޭތީކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އއ.މަތިވެރީގައި ބޭއްވި ކުޑަކުދިންގެ ހަވީރު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅިގެން އއ.މަތިވެރީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ޑަބްލިއުއެޗްއޯގެ އިތުރުން މަތިވެރީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއި ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ރާއްޖޭގައި ސަރުކާރުން ފެންފޯރުކޮށްދޭ ނިޒާމަކީ ޚަރަދު ބޮޑު ނިޒާމެއްނަމަވެސް ރައްޔިތުންނަށް ފެން ފޯރުކޮށްދެމުންދަނީ ވަރަށް ކުޑައަގެއްގައިކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފެނަށް އަމިއްލަ ޖީބުތަކުން ކުރާ ޚަރަދު ކުޑަވުމުގެ ސަބަބުން ފެނަށް ކުރާ ގަދަރު ކުޑަވެ ފެން އިސްރާފުކުރަމުންދާކަމަށެވެ. މިނިސްޓަރ ވަނީ މިކަން ހުއްޓާލާއި ފެނުގެ އަގު ވަޒަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ފެން ލިބުން ފަސޭހަ ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފެން އެއްގޮތަކަށްވެސް ނުލިބޭކަން ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ފެނާ މެދު ޒިންމާ އުފުލަން ޖެހޭކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ކުރިއަށް އޮތް ޖީލުތަކަށް މިކަން ދަސްކޮށްދީ ފެނުގެ އަގުވަޒަންކުރަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މިނިސްޓަރ ވަނީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން 83 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ، މިއަހަރު ނިމޭއިރު ސާފު ބޯފެން 60000 އަށްވުރެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދު މާތުރް ވިދާޅުވީ ފެން ފޯރުކޮށް ދިނުމަށް ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުންކުރާ މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަމަށެވެ.

ފެނުގެ ދުވަހުގެ މުނާސަބަތުގައި އއ.މަތިވެރީގައި ބޭއްވި ހަވީރުގައި އއ.އަތޮޅުގެ ގިނަ ސްކޫލްތަކަކުން ބައިވެރިވެ ވަނީ ދުވަހާއި ގުޅޭ ތަފާތު ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ފެނުގެ މުހިއްމުކަމާއި ދުނިޔެއިން މީރު ފެން ހުސްވެދާނެކަމަށް އޮތް ބިރާއި ފެން ނެތް ދުނިޔެއެއްގެ މަޢުލޫމާތު ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް އެކުދިންވަނީ އަރުވާފައެވެ. ސްކޫލްތަކާއި މުވައްސަސާތަކުގެ ތަފާތު ސްޓޯލްތަކާއެކު ކުރިއަށްދިޔަ މިހަވީރުގައި ދުވަހާއި ގުޅޭ ހުށައެޅުންތައްވެސް މަތިވެރީގެ ކުދިންވަނީ ހުށައަޅައިދީފައެވެ.