ވިޔަފާރި

ޖެނުއަރީމަހު ވީއައިއޭއަށް ޖެއްސި ފްލައިޓްތަކުގެ އަދަދު %8 އިތުރުވެއްޖެ


މިއަހަރުގެ ޖެނުއަރީމަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު %8 އިތުރުވެއްޖެއެވެ.

ޖެނުއަރީމަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ އަދި ފުރާފައިވާ މަތިންދާބޯޓުތަކުގެ އަދަދު އިތުރުވެފައިވާއިރު، ޖެނުއަރީމަހަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މަހެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ 'މަންތްލީ އިކޮނޮމިކް އިންޑިކޭޓަރ' ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ އަދި ފުރާފައިވާ މަތިންދާބޯޓުތަކުގެ އަދަދު އުޅެނީ، 5،554 ގައެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މި އަދަދު ހުރީ، 5132 ގައެވެ.

ޖެނުއަރީމަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި މަތިންދާބޯޓުތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަދަދު އުޅެނީ، 2،834 ގައެވެ. އަދި ބައިނަލްއަޤްވާމީ ފްލައިޓުތަކުގެ އަދަދު އުޅެނީ، 2،720 ގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފްލައިޓްސް މޫވްމަންޓްސް ނުވަތަ މަތިންދާބޯޓުތައް އެއަރޕޯޓަށް ޖައްސާ އަދި ފުރާފައިވާ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން 2016ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުގެ އަދަދު 50،338 ގައި އުޅޭއިރު، 2017ވަނަ އަހަރު ނިމުނުއިރު މިއަދަދު ވަނީ، 51،696 ފްލައިޓަށް އިތުރުވެފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު %2.6 ގެ ކުރިއެރުމެކެވެ.