ޚަބަރު

ޤައުމިއްޔަތު ދިރުވުމަށް އާސާރުތަކާއި ސަޤާފަތް އަދާކުރާ ދައުރު ބޮޑު: ޗައިނާ ސަފީރު


  • ތާރީޚާއި ގުޅޭ މައުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް

  • އެއީ ގައުމީވަންތަކަން އިތުރަށް ވަރުގަދަވާނެކަމެއް ކަމަށް ވިދާޅުވި

ޤައުމިއްޔަތު ދިރުވައި އާލާކުރުމުގައި އެޤައުމެއްގެ އާސާރީ އަދި ސަގާފީ ކަންކަން މުހިންމު ދައުރެއް އަދާކުރާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަނުވާ ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަނުވާ ވިދާޅުވީ، ގައުމެއްގެ އާސާރުތަކާއި ސަގާފަތް ދިރުވުމަކީ އެގައުމެއްގެ ގައުމިއްޔަތު ދިރުވާ އާލާކުރުމުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ސަފީރުގެ ޕޯސްޓުގައި ޖަމައިކާގެ މަޝްހޫރު ޕޮލިޓިކަލް އެކްޓިވިސްޓް މާކަސް ގާވޭއާ ހަވާލާދީ ވިދާޅުވީ، ގައުމެއްގެ ތާރީޚާއި ސަގާފަތް ނޭނގޭ ބަޔަކީ މުލެއް ނެތް ގަހެއް ފަދަ ބައެއް ކަމަށެވެ. އެހެންކަމުން އެ ގައުމެއްގެ ތާރީޚާއި ގުޅޭ މައުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށާއި، އެއީ ގައުމީވަންތަކަށް އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލު، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" އަދި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށީގެ ފޮޓޯތައް ހިއްސާކުރައްވާ ސަފީރު ވަނީ އުތީމަށް ކުރެއްވި ޒިޔާރަތަކީ ކާމިޔާބު ޒިޔާރަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ސަފީރު ވަނީ ރާއްޖޭގެ ޤައުމީ ދުވަހުގެ ތަހުނިޔާވެސް އަރިސްކުރައްވާފައެވެ.

"ވާހަކަ ވައު" ތަރައްޤީކޮށްފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައެވެ. މި ތާރީޚީ ބިނާއާ އިންވެގެން އޮތް ޤުދުރަތީ ވަލުތެރޭގައި ހަދާފައިވާ މިތަނަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، އެ ތާރީޚީ ޖިހާދު އިޙްސާސްކޮށްދޭ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. އަދި މި މަގުގެ ކޮންމެ ހިސާބެއްގައިވެސް ތާރީޚީ ވާހަކަތައް ހިމެނޭ ޖުމްލަ 14 ބޯޑެއް ވަނީ ބަހައްޓާފައެވެ.

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިޢުމާރީން މި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް މަޝްހޫރު ނަމުންނަމަ ބޮޑުތަކުފާނު އިސްވެ ހުންނަވާ ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭގޮތަށް އަދި އެ ހަނދާންތައް އައުކޮށްދޭނެ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނެއެވެ. މި ތަނބުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާގޮތަށެވެ.

މިފަދަ ތަންތަނުގެ ސަބަބުން ފަތުރުވެރިން ރަށުގައި މަޑުކުރާ ވަގުތު އިތުރުވެ، ރަށުގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނަށް އޮންނަ ޑިމާންޑް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވުމުން، ރަށުގެ ގައިޑުންނާއި ތާރީޚީ ވާހަކަ ކިޔައިދޭ ފަރާތްތަކާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަގާފީ މަސައްކަތްތެރިންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްވާނެކަމަށް ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.