މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ކަސްޓަމަރުންނަށް ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭގޮތަށް "ފައިސާރެމިޓް" ގެ ނަމުގައި އައު ޑިޖިޓަލް އިންޓަރނޭޝަނަލް ރެމިޓެންސް ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.
މި ޚިދުމަތަކީ ބޭންކުގެ ބްރާންޗަކަށް ޒިޔާރަތްކުރަން ނުޖެހި، އެމްއައިބީގެ ފައިސާނެޓް މެދުވެރިކޮށް ދުނިޔޭގެ 15 ގައުމެއްގެ ބޭންކު އެކައުންޓްތަކަށާއި އިލެކްޓްރޯނިކް ވޮލެޓްތަކަށް ސީދާ ފައިސާ ފޮނުވޭގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެއްކަމަށް އެމްއައިބީން މަޢުލޫމާތުދެއެވެ.
މި ޚިދުމަތުގެ ދަށުން ހުއްދަކުރެވިފައިވާ ބޭނުންތަކަށް ޓްރާންސެކްޝަނަކަށް 50 އެމެރިކާ ޑޮލަރާއި 5,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވޭނެއެވެ. ފައިސާރެމިޓް މެދުވެރިކޮށް ފޮނުވާ ގިނަ ޓްރާންސެކްޝަންތައް ވަގުތުން ނުވަތަ އެދުވަހުން އެދުވަހަށް ޖަމާވާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް، ފައިސާ ފޮނުވާ ގައުމާއި ލިބޭ ބޭންކަށް ބަލައި ބައެއް ޓްރާންސެކްޝަންތަކަށް ގިނަވެގެން ދެ ދުވަސް ނަގާފާނެކަމަށްވެސް ވަނީ ބުނެފައެވެ.
މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފައިސާ ފޮނުވުމުގެ ކުރިން މުހިންމު މަޢުލޫމާތުތައް ސާފުކޮށް ފެންނަން ހުންނާނެއެވެ. އެގޮތުން ފައިސާ ލިބޭ ފަރާތަށް ލިބޭނެ އަދަދާއި، ޑޮލަރުގެ އަދަދު، ޗާޖުތަކާއި އެކްސްޗޭންޖް ފީ، އަދި އެކައުންޓުން ކެނޑޭނެ ޖުމްލަ އަދަދު ޓްރާންސެކްޝަން ކޮންފަރމް ކުރުމުގެ ކުރިން ކަސްޓަމަރަށް ފެންނާނެކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.
ފައިސާރެމިޓް މެދުވެރިކޮށް މިހާރު ފައިސާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، ޔޫއެސްއޭ އަދި ވިއެޓްނާމް ހިމެނެއެވެ. ފައިސާ ފޮނުވޭ ގައުމުތަކާއި، ފައިސާގެ ބާވަތްތައް އަދި ފައިސާ ދޫކުރާ ގޮތްތައް، ފައިސާ ފޮނުވާ ވަގުތު ލިބެން ހުންނަ އޮޕްޝަންތަކަށް ބަލައި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއައިބީން މަޢުލޫމާތު ދެއެވެ.