ޚަބަރު

އޮޑިޓް ކުރާ ފާރާތްތަކަށް އޮޑިޓް މެނުއަލާއި ގައިޑު ދޫކުރަނީ


އޮޑިޓް ކުރުމުގެ ޙުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް އޮޑިޓް މެނުއަލާއި އޮޑިޓް ގައިޑާއި އޮޑިޓް ޕްރޮގްރާމްތައް ދޫކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓް މެނުއަލާއި އޮޑިޓް ގައިޑާއި އޮޑިޓް ޕްރޮގްރާމްތައް އެ އޮފީހުން ދޫކޮށްފައިވާ އޮޑިޓްކުރުމުގެ ޙުއްދަ އޮންނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގެ ސްމޯލް އެންޑް މީޑިއަމް އޮޑިޓް ޕްރެކްޓިސް ފާރްމްތަކުގެ ފަންނީ ޤާބިލްކަން އިތުރުކޮށް ދިނުމާއި އެފަރާތްތަކުން ކުރާ އޮޑިޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.މީގެއިތުރުން ދިވެހިރާއްޖޭގެ އެކުންޓެންސީއާއި އޮޑިޓިންގ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށްޓަކައި އޮޑިޓް އޮފީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، އޮޑިޓްކުރުމުގެ ޙުއްދަ ދީފައިވާ ފަރާތްތަކަށް، އޭ.ޑީ.ބީ.ގެ އެހީގައި ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ހިންގުނު ޕްރޮޖެކްޓުގެ ދަށުން ސްޓޭންޓަން ޕާރޓްނަރސް، އިން ތައްޔާރުކޮށްދީފައިވާ އޮޑިޓް  މެނުއަލާއި އެމެނުއަލާއި ގުޅޭ އޮޑިޓް ގައިޑުތަކާއި އޮޑިޓް ޕްރޮގްރާމްތައް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް  ނިންމާފައިވާ ކަމަށެެވެ. އަދި އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފޯމް ހުށަހެޅުމުން އެފަރާތްތަކަށް ތަކެތި ފޯރުކޮށްދެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއެވެ. އަދި އިންޓަރނޭޝަނަލް ސްޓޭޑަރޑްސް އޮން އޮޑިޓިންގ އާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓް މެނުއަލްއާއި ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އޮޑިޓްތައް ކުރުމަކީ އޮޑިޓް ފާރމްތަކުގެ ޒިންމާއެއް ކަމަށްވެސް މިބަޔާނުގައި ފާހަގަކުރައވާފައިވެއެވެ.