ވިޔަފާރި

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މިހާތަނަށް 11 ތަނަކަށް ދީފި


މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް މިހާތަނަށް 11 ފަރާތަކަށް ހުއްދަ ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހުއްދަ ދީފައިވަނީ ކެފޭ ރެސްޓޯރަންޓް ހިމެނޭގޮތުން 8 ތަނަކަށާއި، 3 ފިހާރައަކަށްކަމަށެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ފުރުސަތު ދީފައިވާ ކެފޭ އާއި ރެސްޓޯރަންޓްތަކަކީ ހުޅުމާލޭ ފެރީ ޓަރމިނަލްގައި ހުންނަ ސީހައުސް އާއި، ސޯސަން މަގުގައި ހުންނަ ސެފްރޮން ކެފޭއާއި ވެސްޓް ހާބަރ ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސްއާއި، ވީވަރ ކެފޭއާއި، ރިޓްރީޓް ޑިލައިޓާއި މާރުކޭޓް ހޮޓަލާއި، އެސްޓީއޯ ހާބަރ ފުޑް ކޯޓްގައި ހުންނަ ނޮވެލް ބިސްޓްރޯއާއި ހިތްފަސޭހަ މައިދާނުގައި ހުންނަ ޑޯލްފިން ވިއު ކެފޭއަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ 3 ފިހާރައަކީ ވިލިނގިލި ފެރީ ޓާރމިނަލްގައި ހުންނަ އެކްސްޕްރެސް މާޓާއި، ސޯސަންމަގުގައި ހުންނަ ނިއު ޗެއިން އަދި ހަމަ އެމަގުގައި ހުންނަ ޝޮޕް އެންޑް ސޭވް ފިހާރައަށެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީމަގު، ސޯސަންމަގު، މެދުޒިޔާރަތްމަގު ހިމެނެއެވެ. މީގެއިތުރުން ޖަނަވަރީމަގު، މަޖީދީމަގު، ބުރުޒުމަގު، އޯކިޑުމަގު، އަމީނީމަގު އަދި ލޮނުޒިޔާރަތްމަގުވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ހުއްދައަށްއެދޭ ހުރިހާ ފަރާތްތަކަށްވެސް ޝަރުތު ހަމަވާނަމަ ހުއްދަދޭނެކަމަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.