ޚަބަރު

އިންޑޮނޭޝިއާއަށް ދެވަނަ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ


  • އެންޑެ ސަރަޙައްދަށް އައިސްފައިވަނީ 7.6 މެގްނިޓިއުޓުގެ ބިންހެލުމެއް

  • ސުމާތުރާ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 6.8 މެގްނިޓިއުޓުގެ ބާރުމިނުގައި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑޮނޭޝިއާއަށް ދެވަނަ ބިންހެލުމެއް އައިސްފައިވާކަމަށާއި، މިބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ އެންޑެ ސަރަޙައްދަށާއި، ސުމާތުރާ ސަރަހައްދަށެވެ.

މި ހާދިސާއާ ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އިންޑޮނޭޝިއާއަށް އައި މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރޭ ދަންވަރު 2:58 ހާއިރު އެންޑެ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 7.6 މެގްނިޓިއުޓުގެ ބާރުމިނުގައި ކަމަށެވެ. އަދި ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 5482 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށެވެ.

މިއަދު ހަވީރު 15:54 ހާއިރު ސުމާތުރާ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 6.8 މެގްނިޓިއުޑުގެ ބާރުމިނުގައެވެ. މިބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 2832 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން އިންޑޮނޭޝިއާއަށް ބިންހެލުމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މިގޮތަށް އަންނަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިނުވެއެވެ.